ހުޅުމާލޭގައި ހިންގަމުންދާ ކެފޭއެއް ބަލައި ފާސްކުރުމަށްފަހު، އެތަނުން ދެ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، ހުޅުމާލޭގައި ހިންގަމުންދާ ތިން ކެފޭއެއް މިއަދު ހަވީރުގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި، އެއް ކެފޭއެއްގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، "މީގެ ތެރެއިން އެކަކީ ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީއެކެވެ."
މިހާރުގެ ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 4,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓް ކޮށްފައެވެ.
އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް، ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅުނު 4,054 ބިދޭސީން ވަނީ އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވާލާފައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައި ވަނީ މި އަހަރުގެ ޖޫން މަހުގައި ކަމަށް އިމިގްރޭޝަނުން ހާމަކުރިއެވެ.









