ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން ޗައިނާގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު ފެށި މި ހަރަކާތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ޓޫރިސްޓުންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކާ ދިވެހި ފުލުހުންގެ ހިދުމަތުގެ ޓޫރިސްޓް ޕޮލިހުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީ އަދި ޗައިނާ އެމްބަސީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ޗައިނާގެ ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމާ އެކު، އެ ޓޫރިސްޓުންނާ ބައްދަލުކޮށް، މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގަ އާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހަރަކާތުގެ ތެރެއިން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ލީފްލެޓެއް ޓޫރިސްޓުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ލީފްލެޓްގައި މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވާއިރު ފަތުރުވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފަތުރުވެރިން ރާއްޖޭގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމުގެ އިތުރުން، ކަމެއް ދިމާވެއްޖެ ހާލަތެއްގައި ޢަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި އެމަޖެންސީ ހާލަތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.









