މެލޭޝިއާ އަދި ތައިލެންޑުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، 12 މީހުން ފުރާނަ ގެއްލި، 135،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައި ވާކަމަށް ބީބީސީއިން ރިޕޯޓު ކޮށްފިއެވެ.
މެލޭޝިއާގެ ކެލަންޓަން ސަރަޙައްދުގެ 122،000 އަށްވުރެ ގިނަ މީހުން ޙާލުގައި ޖެހިގެން ރައްކާތެރި ސަރަޙައްދުތަކަށް ނުދެވި ބަންދުވެފައި ތިބިއިރު ތައިލެންޑުގެ 6 ޕްރޮވިންސްއެއްގައި ކާރިސާ އިޢުލާނުކޮށް، 534،000 ގޭބިސީއަށް އަސަރުކޮށް، ދެ ހޮސްޕިޓަލެއް ބަންދުކުރަން ޖެހިފައިވާކަމަށް އެ ޤައުމުގެ އިމަޖެންސީ އޮތޯރިޓީން ބުނެފައިވެއެވެ.
ކުއްލި ނުރައްކަލުގެ ޓީމުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯތަކުން ފެންނަނީ ނުރައްކާތެރި މަންޒަރުތަކެކެވެ. މީގެ ތެރޭގައި ތައިލެންޑުގެ ސަތެންގް ނޮކްގައި ފެންބޮޑުވެފައިވާ ގެއަކުން ކުޑަކުއްޖަކު ސަލާމަތްކުރި މަންޒަރު ހިމެނެއެވެ.
ދެ ޤައުމުގައިވެސް ވާރޭވެހި ވައިގަދަވުމުގެ އިންޒާރު ދެމުންދާއިރު، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދެއެވެ. ތައިލެންޑު ސަރުކާރުން އަސަރުކުރި ޕްރޮވިންސްތަކަށް 1.7 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މެލޭޝިއާގެ ކެބިނެޓަށް ވަނީ ކާރިސާ ބެލެހެއްޓުމަށް އިސްކަންދިނުމަށް އަންގާފައެވެ.









