ހައިވޭގައި އެކްސިޑެންޓްވުމަށްފަހު މަޑު ނުކޮށް ފިލި މީހެއް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނީ ބ. އޭދަފުށި/ ފަސްމީރު، ޝުނާން މުހައްމަދު ޝާކިރު (22)އެވެ.
ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ނޮވެމްބަރު 29 ވަނަ ދުވަހުގެ މެންދުރު 14:43 ހާއިރުއެވެ. މި އެކްސިޑެންޓް ހިގާފައިވަނީ ހައިވޭގައި ބާރު ސްޕީޑްގައި ގަވާއިދާއި ޚިލާފަށް އޯވަރޓޭކް ކުރި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ކަމަށް ފުލުހުން ބުންޏެވެ،.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަށެވެ. އެއީ ދިވެހި އަންހެނަކާއި ފިރިހެނެކެވެ. ފަރުވާ ދިނުމަށްފަހު ފިރިހެން މީހާ ދޫކޮށްލާފައި ވީނަމަވެސް އަންހެން މީހާއަށް އަދިވެސް އަންނަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓް ވުމުން ފިލި ޝުނާން މުހައްމަދު ޝާކިރު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.









