ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު މި ސަރުކާރުގައި އަބަދުވެސް ހުޅުވިފައި އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން ފުލުހުންގެ ތަޙުޤީޤަށް ހާޒިރުކުރަން އެންގުމާއި ގުޅިގެން އުފެދިފައިވާ ޖަދަލުގެ ތެރެއިންނެވެ.
އެމްޑީޕީގެ އެކްޓިވިސްޓް ހުސެއިން ޝާފިއު އެކްސްގައި ކުރި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުރުވައިން މުޚާޠަބުކޮށް، "މަށަށް ކަލޭ މަގެއްމަތިން ނުފެންނާތި!" މިފަދައިން ބުނެފައިވާ ކަމަށް ވެއެވެ. މި މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ ފާޑުކިޔާފައެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެފައިވަނީ މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު" ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. އަދި ސަރުކާރާމެދު ހިތްހަމަނުޖެހުން ފާޅުކުރުމަކީ ބޮޑު ކުޮޑު ކުށަކަށް ވެފައިވާ ކަމަށާއި، ރައްޔިތުންގެ އަޑު ކަނޑުވާލައި، ޚިޔާލު ފާޅުކުރުމަށް ހުރަސްއެޅުމަކީ ހުދުމުޚްތާރު ވެރިން އަބަދުވެސް ކުރާނެ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
މި މައްސަލައާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ޝާފިއުގެ ޕޯސްޓުގައި ވަކި މީހަކަށް ޖިސްމާނީ ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން، އެކަމުގެ ތަފްސީލު ހޯދައި ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ބަހުރުވައިން އެހެން މީހަކާއި މެދު ވާހަކަދައްކައިފިނަމަ، އެއީ ހަމައެކަނި ޚިޔާލު ފާޅުކުރުން ކަމަށް ބަލައި އަޅާނުލާ ތިބެންވީތޯ ސުވާލު އުފައްދަވާފައިވެއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހަކު އިސްތިސްނާ ނުކޮށް، އެންމެހައި ރައްޔިތުންގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރުމަށް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރޭގައި ޚިޔާލުފާޅުކުރެވޭނެ އެންމެ ފުޅާ މިނަށް އެކަން ކުރުމުގެ މަގު އަބަދުވެސް ހުޅުވިފައި އޮންނާނެ ކަމަށް މިނިސްޓަރު އަލީ އިހުސާން ވަނީ ޔަގީންކަން ދެއްވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް ކަމަށެވެ.









