މިނިވަން އަދި ތަހުޒީބު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށްޓަކައި އެންމެ މުހިންމީ ޤައުމިއްޔަތު ނެގެހެއްޓުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވި ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ "ކަޅުއޮށްފުންމި – ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، "އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިނިވަން އަދި ތަހުޒީބު ޤައުމެއްގެ ގޮތުގައި އެތައްހާސް އަހަރަކަށް، ރާއްޖެ ދެމިއޮތުމަށްޓަކައި އެންމެ މުހިންމު ކަމަކީ ދިވެހި ޤައުމިއްޔަތު ނެގެހެއްޓުން. ދިވެހިންގެ ޤައުމިއްޔަތާއި މެދު ފަޚުރުވެރިވާ ބަޔަކަށް އަޅުގަނޑުމެން އެންމެންވެސްވުން."

މި ދަރުބާރަކީ ޤައުމިއްޔަތާއި އަމިއްލަވަންތަކަން ރައްކާތެރިކުރުމަށާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ދަރުބާރުގައި ދިވެހި ޤައުމިއްޔަތާއި ގުޅުންހުރި އަދި ދިވެހިންގެ އަމިއްލަވަންތަކަމާއިގުޅޭ މުހިންމު ދާއިރާތަކަށް މައުލޫމާތުތަކެއް ހުށަހެޅި، އިލްމީ މަޝްވަރާތަކެއް ކުރެވި، އައު އީޖާދީ ވިސްނުންތަކެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ދިވެހި ޤައުމިއްޔަތުގެ ބަހާތައް ކުރިއަރުވަން ޖެހޭކަން ފާހަގަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ، "ދިވެހިންނަކީ ފަޚުރުވެރި ތަރީޚީ، ޒަމާންވީ އާދަކާދަތަކާއި، ކާބަފައިންގެ ހީވާގި ދިރިއުޅުމާއި ދިވެހި ބަހުގެ ޗާލުކަންފަދަ، އަޅުގަނޑުމެން ޤައުމިއްޔަތުގެ ބަހާތަކަކީ ރާއްޖެއަށް ލިބިފައިވާ އިތުރު ޒީނަތްތެ ރިކަމެއްގެ ގޮތުގައި ދުނިޔެއަށް ހާމަކޮށްދޭން އެބަޖެހޭ."

މީގެއިތުރުން، ދިވެހި ޤައުމިއްޔަތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމަށް ވެސް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ތަޢުލީމީ މަންހަޖުގެ ތެރޭގައި ޤައުމިއްޔަތު ހިމަނުއްވައި، ދިވެހި ޤައުމީ ސަލާމަށާއި، ދިވެހި ދިދައަށް ޚާއްސަ އިސްކަމެއް ދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރެއްވުމަށާއި، ޤައުމިއްޔަތު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުންނެވެ.

"ކަޅުއޮށްފުންމި – ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" އަކީ ދިވެހި ޤައުމިއްޔަތާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަމާއި ގުޅޭ މަޝްވަރާތައް ކުރުމަށް ބޭއްވޭ ފުރަތަމަ މަހާސިންތާއެވެ. މި ދަރުބާރުގައި ދިވެހި ތާރީޚު، ޘަޤާފަތް، އާދަކާދަ އަދި ދިވެހި ބަހާއި ގުޅޭ ގޮތުން ތަފާތު ދާއިރާތަކުގެ މާހިރުން ޕްރެޒެންޓޭޝަންތައް ހުށަހަޅައި، މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުބާރު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމާއި، ޒުވާނުންގެ މެދުގައި ޤައުމީ ލޯބި އާލާކުރުމެވެ. އަދި މީގެ އިތުރުން، ދިވެހި ޤައުމިއްޔަތުގެ މުހިންމުކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، ދިވެހި ޤައުމިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ.