ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ މިއަދު ފަށައިފި އެވެ.
މި މަހާސިންތާ ފެށުމުގެ ގޮތުން މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
ދިވެހިބަހާއި ޘަޤާފަތާއި ތާރީޚާއިބެހޭ މިނިސްޓްރީން އިންތިޒާމުކޮށްގެން، "ކަޅުއޮށްފުންމި – ދިވެހި ގައުމިއްޔަތުގެ ދަރުބާރު"ގެ ނަމުގައި ކުރިއަށް ގެންދާ މި މަހާސިންތާ އަކީ، ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފަރާތުން ކޮންމެ ހުޅަނގު މޫސުމަކާއި އިރުވައި މޫސުމެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާތަކުގެ ފުރަތަމަ މަހާސިންތާ އެވެ.
މިއީ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ދިވެހި ގައުމިއްޔަތުގެ އިލްމު ފެތުރުމުގެ ޒިންމާގެ ދަށުން ބާއްވާ އިލްމީ މަހާސިންތާއެކެވެ.
ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި އެކި ދާއިރާތަކުގެ އިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަހާސިންތާގައި އެކި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުން ތަފާތު ނުވަ އިލްމީ ކަރުދާހެއް ހުށަހެޅުއްވުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖެއަށް އިސްލާމްދީން ތައާރަފުވުމާއި ތަރައްގީވެގެން އައި ގޮތާއިބެހޭ ދިރާސާތަކާއި ދިވެހިބަހާއި ސަގާފަތް އަދި އިހުގެ އިސްލާމީ ފަރުމާތަކާއިބެހޭ ދިރާސީ ހުށަހެޅުންތައް ވެސް ހިމެނެ އެވެ. އަދި ރާއްޖެ އުފެދިފައިވާ ގޮތުގެ މައްޗަށް އެކުލެވޭ އިލްމީ ކަރުދާސްތައް ވެސް މި މަހާސިންތާގެ ބައިވެރިންނަށް ހިއްސާ ކުރުމަަށް ހަމަޖެހިފައިވެ އެވެ.