އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓޭންޑާޑައިޒޭޝަން (އައިއެސްއޯ)ގެ މުހިންމު ދެ ސެޓްފިކެޓެއް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަށް ލިބިއްޖެ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އައިޔޫއެމް އިން ހާސިލުކޮއްފައިވާ ދެ ސެޓްފިކެޓަކީ "އައިއެސްއޯ 9001:2015 ކުއަލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން" އާއި "އައިއެސްއޯ 21001:2018 އެޑިޔުކޭޝަނަލް އޯގަނައިޒޭޝަންސް" ކަމަށެވެ.
އައިއެސްއޯ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި، އެކި ދާއިރާތަކާއި ގުޅޭ މިންގަނޑުތަށް ކަނޑައެޅުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.
ޖުމްލަ 174 ގައުމެއްގެ ތަޖުރިބާކާރުން ބައިވެރިވާ މި ޖަމިއްޔާގައި، އެކި ދާއިރާތަކާއި ގުޅޭ މިންގަނޑުތަށް ކަނޑައެޅުމަށް ޖުމްލަ 823 ޓެކްނިކަލް ކޮމިޓީއެއް ވަނީ އެކުލަވާލެވިފަ އެވެ.
އައިޔޫއެމްއަށް ލިބުނު މި ކާމިޔާބީއާއި ގުޅިގެން ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވަނީ މިއީ، މިފަދަ ސެޓްފިކެޓްތަކެއް ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ލިބުނު ފުރުތަމަ ފަހަރުކަން ފާހަގަކުރައްވައިފަ އެވެ.