ހައްޔަރު ނުކުރެވޭ ނުވަތަ ބަންދުގައި ނުވާ މީހެއްގެ މައްޗަށް އަތުލިޔުމުގެ ސާމްޕަލް، އިނގިލީގެ ނިޝާން، ހަށިގަނޑުގެ ބޭރުން ނުވަތަ އެތެރެއިން ނަގާ ސާމްޕަލެއް ނެގުމަށް ކޯޓު އަމުރެއް ނުނެރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ކަސްޓަމްސްގައި ކުރިން ވަޒީފާ އަދާކުރި މުއާޒް އަލީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލައެއްގެ ތަޙްޤީޤަށް އޭނާގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ނަގަން ކްރިމިނަލް ކޯޓުން ކުރި އަމުރެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ސާމްޕަލް ނަގާނަމަ އެމީހަކީ އެމައްސަލައަކާއި ގުޅުން ހުރި އިތުރު ހެކިތަކާއިއެކު ތުހުމަތެއް އުފެދި، އަދި ފުލުހުންގެ ބަންދުގައި ހުރި މީހަކަށް ވާން ޖެހޭނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ސާފުކޮށް އެނގޭ ކަމަށެވެ.
"ހައްޔަރު ކުރެވިފައިނުވާ ނުވަތަ ބަންދުގައިނުވާ، ތުހުމަތު ކުރެވޭ މީހާގެ ސާމްޕަލް ނެގޭނީ އޭނާގެ ރުހުމާއި އެކުގައެވެ. އޭނާ ރުހުން ނުދޭ ހާލަތުގައި އޭނާގެ ސާމްޕަލް މަޖުބޫރުން ހޯދުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއް ނެރެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ." ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވިދާޅުވިއެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރުން ހުސްނުއްސުއޫދު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި ނިންމުން ނިންމާފައި ވަނީ ތިން ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.









