އިޒްރާއީލް ވެރިން ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހުރިހާ އިހުތިޔާރަކާއި އިޤްތިޞާދީ ބާރެއް ބޭނުންކުރަން ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުން ގެންދާ ފަލަސްތީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ފަލަސްތީން ރައްޔިތުން ސުލްޙަވެރިކަމާއެކު އުޅުމުގެ ހައްގު ކަށަވަރު ކުރުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާ ކަމަށެވެ.
"ފަލަސްތީން ރައްޔިތުން ތަހައްމަލް ކުރަމުން ގެންދާ ވޭނާއި ކެކުޅުން ދިވެހި ކޮންމެ ރައްޔިތަކު ވެސް އިހްސާސް ކުރޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބައިނަލްއަޤުވާމީ މުޖުތަމައުން އެކުގައި އިޒްރާއީލުގެ ޤާނޫނާ ޚިލާފު ހިސާރު ވަގުތުން ހުއްޓާލުމަށް ޑިމާންޑްކޮށް، ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ޒިންމާ އުފުލާ މީހުން ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހުރިހާ އިހުތިޔާރަކާއި އިޤްތިޞާދީ ބާރެއް ބޭނުންކުރުމަށް ގޮވާލާ ކަމަށެވެ.
ދިވެހިރާއްޖެއިން ގަބޫލުކުރާ ގޮތުގައި ފަލަސްތީނާއި އިޒްރާއީލްގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ 1967 ވަނަ އަހަރާއި ހަމައަށް އޮތް ފަލަސްތީންގެ ސަރަހައްދާއިއެކު ފަލަސްތީނަށް ވަކި މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ހަމަޖެހިގެން ދިއުން ކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ގޮވާލާ ގޮވާލުން މިއަދު ވެސް ރައީސް މުއިއްޒު ތަކުރާރު ކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރ 29 ވަނަ ދުވަހަކީ ފަލަސްތީން ރައްޔިތުންނަށް ހައްގުތައް ކަށަވަރު ކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ގޮވާލުމަށް އދ. އިން ފާހަގަ ކުރާ ދުވަހެކެވެ.









