ޔުނިފޯމު އަޅައިގެން ތިބެ، އެ ޔުނިފޯމުގެ ހުރުމަތް ކަނޑާލައި، ރައްޔިތުންގެ ކުރިމަތީގައި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލަމުންދާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އިޙްސާން މިހެން ވިދާޅުވި މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މިފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނަށް އަންގަވާފައިވާ ކަމެކެވެ. މި ގޮތުން މޯލްޑިވްސް އިމިގްރޭޝަންގެ 5 މުވައްޒަފަކު ޤާނޫނާއި ގަވާއިދާއި ޚިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއް ކަންކަން ކޮށް، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މަޢުލޫމާތު ލިބުމާއި ގުޅިގެން، ފުލުހުން މެދުވެރިކޮށް އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިފަދަ ކަންކަމަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަޙައްމަލު ކުރާނެ ކަންކަމެއް ނޫން،" މިނިސްޓަރ ވިދާޅުވިއެވެ.
މި މައްސަލައިގައި މިހާރު ވާނީ ތުހުމަތުކުރެވޭ ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި، އެ ފަރާތްތައް ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މައްސަލައިގެ އިތުރު ތަފްސީލުތައް ތަޙުޤީޤު ކުރިއަށްދާ ވަރަކުން ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަ ކުރަމުންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެ ފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެންމެހާ ފަރާތްތަކަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާ ކަމަށެވެ.









