ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކުރުމަށް ފަޅުރަށެއް ލިބޭ ގޮތް ހެދުމަށް ހުށަހެޅި ބައެއް ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިންމާލައިފިއިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ދަށުން ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. މި ޕްރޮޕޯސަލްތައް ހުށަހަޅާފައިވަނީ ރ. އަތޮޅު އިނގުރައިދޫ، ދ. އަތޮޅު ކުޑަހުވަދޫ، މ. އަތޮޅު ކައުންސިލް އަދި ލ. އަތޮޅު މާވަށު ކައުންސިލުންނެވެ.
ވުޒާރާއިން ބުނީ، މި ހަތަރު ކައުންސިލުގެ ތެރެއިން މ. އަތޮޅު ކައުންސިލްގެ ޕްރޮޕޯސަލް ފިޔަވައި އެހެން ހުރިހާ ޕްރޮޕޯސަލްތަކެއް އިވެލުއޭޓް ކޮށް ނިމިފައިވާ ކަމަށެވެ. މަސްވެރިކަމާއި، ދަނޑުވެރިކަން ފިޔަވައި އިތުރު މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ފަޅުރަށްތައް ހޯދުމަށް ހުށަހެޅި ޕްރޮޕޯސަލްތައް ވަޒަންކުރަން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ކަމަށް ވުޒާރާއިން ބުންޏެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، މި ޕްރޮޕޯސަލްތައް އަންނަ ހަފްތާގައި ރައީސް އޮފީހަށް ހުށަހަޅާނެ ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށާއި، ރަށްރަށުގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.









