ކޮރަޕްޝަންގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާން ބަލިކަށިވެ ތަރައްގީއަށް ހުރަސްއެޅިގެންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ލޯ އެންފޯސްމަންޓް އޭޖެންސީޒް އިން ދަ އޯއައިސީ މެންބާ ސްޓޭޓްސްގެ ދެވަނަ މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހްސާން ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް ކޮރަޕްޝަން ހައްލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި މިސަރުކާރުން، ކޮރަޕްޝަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ލުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެން ގަބޫލުކުރާ ގޮތުގައި މި މަސައްކަތް ވަރަށް މުހިންމު. އެހެންނަމަވެސް އަޅުގަނޑުމެންގެ ގައުމުތަކުގެ މެދުގައި ވަރުގަދަ އެއްބާރުލުމެއް އޮވެގެން ނޫނީ ކާމިޔާބު ނުކުރެވޭނެ،" އިހްސާން ފާހަގަކުރެއްވި އެވެ.
މިޒަމާނުގެ އެންޓި ކޮރަޕްޝަން މަސައްކަތުގައި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ދައުރަށް އަލިއަޅުއްވާލައްވައި، އިސްލާމީ އުސޫލުތަކުން އިންސާފުވެރިކަމާއި، އިތުބާރާއި، ޖަވާބުދާރީވުން ދަމަހައްޓަވާ ކަމަށާއި، އިސްލާމް ދީނުގައި ކޮރަޕްޝަން ފަދަ ކަންކަން ހުއްޓުވުމަށް އޮންނަ ހަރުދަނާ އުޞޫލު ފާހަގަ ކުރެއްވިއެވެ.
އަދި ކާމިޔާބީ ކަށަވަރުކުރުމަށްޓަކައި ދެފަރާތުގެ ތާއީދާއި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކޮށް، ހުރިހާ ފެންވަރެއްގައި ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބޭނުންތެރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ގޮވާލެއްވީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް، ޚާއްޞަކޮށް އޯއައިސީ ދައުލަތްތަކަށް، ރައްޔިތުންގެ ފައިދާއާއި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ގުޅުން ބަދަހިކުރުމަށެވެ.









