މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް ދެ މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ އޮފީހުން މިއަދު އަލުން ހުޅުވާލާފައިވާ ކަމަށެވެ. މިއާއެކު، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައި، 18 ނޮވެންބަރު 2024 ގައި ކޮށްފައިވާ ނަންބަރު 1/2024/91/ޕީ.އޭ.އޯ-1(އައި.ޔޫ.އެލް) އިޢުލާނު ބާޠިލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް މި މަހުގެ 18 ގައި ފުރަތަމަ އިޢުލާނުކޮށްފައިވާއިރު، އެ އިޢުލާނުގެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ 26 ވަނަ ދުވަހަށެވެ.
ރައީސް އޮފީހުން ބުނީ ބްރޯޑްކޮމްގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 9 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ކަމަށް އެ އޮފީހުން ބުންޏެވެ.
އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ބްރޯޑްކޮމްގެ މެންބަރުކަމުގެ ދައުރަކީ 5 އަހަރެވެ.









