އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް މިއަދު ފަށައިފި އެވެ.
އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާ މި ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސް އެވެ.
މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްގީއަށްޓަކާ ޒަކާތުގެ ހިންގުމުގެ އޮނިގަނޑު ތަރައްގީކުރުން" އެވެ.
Advertisement

މި ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް އިއްޒައްދީން އަދުނާން ވިދާޅުވީ މި ކޮންފަރެންސްގައި އިލްމުވެރިންނާއި ތަޖުރިބާކާރުންނާއި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތައް އަދި މުޖުތަމައުގައި މުހިންމު ދައުރުތައް އަދާކުރައްވާ ފަރާތްތައް ގުޅިގެން އިޖުތިމާއީ ދުޅަހެޔޮ، އިގުތިސާދީ ހަމަޖެހުން ގާއިމްކުރުމަށް މައިގަނޑު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ނިޒާމު ބޭނުންކޮށް، އެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
"މި ކޮންފަރެންސްގެ އަމާޒަކީ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނެ ދިވެހިރާއްޖޭގެ އިގުތިސާދީ، އިޖުތިމާއީ ހާލަތްތައް ރިއާޔަތްކުރެވިގެން ހަރުދަނާ ޒަކާތުގެ އޮނިގަނޑެއް ގާއިމްކުރެވިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.
ޒަކާތު ކޮންފަރެންސްގައި ޒަކާތުގެ ދާއިރާގެ ތަޖުރިބާކާރު ބޭރުގެ އެކި ފަރާތްތަކުން ވެސް ބައިވެރިވެ އެވެ.
މި ކޮންފަރެންސް އިންތިޒާމުކުރަނީ ރާއްޖޭގެ ޒަކާތުގެ ދާއިރާ ހަރުދަނާކުރުމަށް މި ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ޒަކާތުގެ ހައުސް އިންނެވެ. އެ އިދާރާ ހިންގަނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.







