ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ އިނގިރޭސިވިލާތުގެ ޖޯން ޓިނިސްވުޑް، އުމުރުން 112 އަހަރުގައި މަރުވެއްޖެއެވެ. ޓިނިސްވުޑް މަރުވެފައިވަނީ އިއްޔެއެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އިން މަޢުލޫމާތު ދިންގޮތުގައި، ޓިނިސްވުޑް މަރުފައިވަނީ އިންގްލެންޑުގެ ހުޅަނގު އުތުރުގައި އޮންނަ ސައުތުޕޯޓްގެ ކެއަރ ހޯމެއްގައެވެ. މި މަޢުލޫމާތު ގިނިސް ވޯލްޑް ރެކޯޑްސް އަށް ދީފައިވަނީ ޓިނިސްވުޑްގެ އާއިލާއިންނެވެ.
1912 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ލިވަޕޫލްގައި އުފަންވި ޓިނިސްވުޑްއަށް ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ މަޤާމު ލިބުނީ މިދިޔަ އޭޕްރީލް މަހުގައެވެ. އެއީ އޭރު އެ މަޤާމުގައި ހުރި، އުމުރުން 114 އަހަރުގެ ވެނެޒުއެލާގެ ހުއާން ވިސެންޓޭ ޕެރޭޒް މަރުވުމުންނެވެ.
ޓިނިސްވުޑްގެ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ، "ފާއިތުވި އަހަރުތަކުގައި އޭނާއަށް އަޅާލި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ" ކަމަށް ބުންޏެވެ.
ޓިނިސްވުޑް މަރުވުމާއި ގުޅިގެން، މިހާރު ދުނިޔޭގައި ދިރިހުރި އެންމެ ދުވަސްވީ މީހާއަކީ އުމުރުން 116 އަހަރުގެ ޖަޕާނުގެ ޓޮމިކޯ އިޓޫކާ ކިޔާ އަންހެނެކެވެ.









