މިފްކޯއިން މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ތެރެއިން 22 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ މިއަދު މަސްވެރިންނަށް ޖަމާކޮށްދީފިއެވެ.
މިފްކޯއިން ބުނީ، އެކުންފުނީގެ ކޫއްޑޫ ފިޝަރީޒް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އޮކްޓޯބަރު 28 އިން ފެށިގެން ނޮވެންބަރު 15 އާ ހަމައަށް ކިރާފައިވާ މަހަށްވާ 22،922،141 ރުފިޔާ މިއަދު އޮޑިވެރިންނަށް ޖަމާކޮށްދީފައިވާ ކަމަށެވެ.
މީގެއިތުރުން، މިފްކޯގެ ފެލިވަރު ފިޝަރީޒްއަށް ކިރާފައިވާ މަހަށްވާ ފައިސާ ޖަމާކުރުމުގެ މަސައްކަތް އެކުންފުނިން ވަރަށް ބާރަށް ކުރަމުންދާކަމަށް ވެސް މިފްކޯއިން ބުންޏެވެ. އޮކްޓޯބަރު 28 އިން ފެށިގެން ނޮވެންބަރު 15 އާއި ހަމައަށް މިފްކޯއިން ވަނީ 1919 މެޓްރިކް ޓަނުގެ މަސް ކިރާފައެވެ.
މިފްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، ނޮވެންބަރު 16 އިން 24 އާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދަކީ 30 މިލިއަން ރުފިޔާއެވެ. ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް މިފްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްވެސް އެކުންފުނިން މަސައްކަތް ކުރަމުންދާކަމަށް ބުންޏެވެ.









