2025 ވަނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއީ މިސަރުކާރުން ގެންނަން ބޭނުންވާ ތަރައްޤީއަށް މުހިންމު ބަޖެޓެކެވެ.
އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި އަދި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ފުޅާދާއިރާއެއްގައި ބަހުސް ކުރި ބަޖެޓް ފާސްކޮށްފައި ވަނީ 70 މެންބަރުންގެ ތާއީދާއި އެކުގައެވެ. އިދިކޮޅަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އެ 11 މެންބަރުންނަކީ އިދިކޮޅު ފިކުރުގެ މެންބަރުންނެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ވިސްނުން
ސަރުކާރުގެ މެންބަރުން ވަނީ ބަޖެޓުގައި އިންފްރާސްޓްރަކްޗާ އާއި ތަރައްގީއަށް އަމާޒު ހިފާފައިވާތީ އެކަމަށް ތައުރީފުކޮށްފަ އެވެ. ނަމަވެސް ވަކި މަޝްރޫއުތަކަށް ބަޖެޓުގައި ފައިސާ ނެތުމުން އިދިކޮޅު ފަރާތްތަކުން، ހާއްސަކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމްޑީޕީގެ މެންބަރުންނާ އެކު އެމްޑީއޭގެ ރައީސް އަދި މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައި ވެއެވެ.
މުހިންމު ބަޖެޓެއް
ފާސްކުރި ބަޖެޓުން ދައްކާ ގޮތުގައި މިއަހަރުގެ ޖުމްލަ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ހިމެނޭއިރު، 2024 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 55 ބިލިއަން ރުފިޔާ އަށް އަރާފައިވެ އެވެ.
- ޖުމްލަ ހަރަދު: 49.2 ބިލިއަން ރުފިޔާ
- ރިކަރަންޓް ހަރަދު: 35.9 ބިލިއަން ރުފިޔާ
- ކެޕިޓަލް ހަރަދު: 13.3 ބިލިއަން ރުފިޔާ
- އާމްދަނީއާއި ހިލޭ އެހީ: 39.8 ބިލިއަން ރުފިޔާ
- ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރިފިޔާ ހިމެނެއެވެ
ބާކީ ހުރި ޑެފިސިޓް ފައިނޭންސް ކުރާނީ ބަޖެޓުގެ ފައިނޭންސިން ސްޓްރެޓެޖީގައި ބަޔާންކޮށްފައިވާ ގޮތަށް ލޯނު ނެގުމާއި އެހެނިހެން ގޮތްގޮތުންނެވެ.






