ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު އަންނަ މަހުގެ 15 އަށް މިއަދު ދަންމާލައިފިއެވެ.
ދައުރު ދަންމާލަން ފެންނަ ކަމަށް ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އަދި ދައުރު ދަންމާލަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 11 މެންބަރުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވަނީ މި ދައުރު ހިނގާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ދައުރުގައި މަޖިލީހުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު ދަންމާލަން ގަސްތުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ޤަވާޢިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރަކީ ފެބްރުއަރީ 1 އިން ފެށިގެން މެއި މަހުގެ 15 އެވެ. އަދި ދެވެނަ ދައުރަކީ ޖޫން 1 އިން ފެށިގެން އޮގަސްޓް 15 އެވެ. އަދި ތިންވަނަ ދައުރަކީ އޮކްޓޯބަރު 1 އިން ފެށިގެން ނޮވެންބަރުގެ ނިޔަލެވެ.
މި ހިނގާ ދައުރު ދަންމާލަން މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، ނިމިދިޔަ ދައުރުގައިވެސް ވަނީ މަޖިލީހުގެ މަސައްކަތްތައް ނިންމުމަށް އެއް ހަފްތާއަށް ދަންމާލާފައެވެ.









