އިސްރާއީލުގެ ވެރިންގެ ޕާސްޕޯޓް މަނާކުރުމާއެކު، އެ ދައުލަތުުލަތުގެ ޕާސްޕޯޓުގައި ރާއްޖެ އަންނަ އެހެނިހެން މީހުންނަށް ހިފެހެއްޓުންތަކެއް ގެންގުޅެންޖެހޭކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ބުނެފިއެވެ.
ޔަހޫދީ ޒަޔަނިސްޓު އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދަނީ ކަމާއި ގުޅުންހުރި އެކި އިދާރާތަކާއި ބައްދަލު ކުރަމުންނެވެ. މި ބައްދަލުވުން ތަކުގައި މަޓާޓޯގެ ރައީސް ޢަބްދުﷲ ޤިޔާސް ރިޔާޒް ވިދާޅުވެފައި ވަނީ ޔަހޫދީ ދައުލަތުގެ ޕާސްޕޯޓް މަނާކުރުމުން ކުރާނެ އަސަރާއި ގުޅޭ ދިރާސާއެއް މިހާތަނަށް ހެދިފައިނުވާ ކަމަށެވެ.
ޤިޔާސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގައި ޔަހޫދީ ދައުލަތަކީ ވަރަށް ކުޑަ މާކެޓެއް ކަމަށާއި، އެ ދައުލަތުން ވެސް ރާއްޖެ ބޮއިކޮޓް ކުރާއިރު ކުރިއަށް އޮތް 10 އަހަރުގައި ވެސް އެ ދައުލަތުގެ ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް، ޑުއަލް ސިޓިޒަންޝިޕް އޮންނަ ފަތުރުވެރިންނާއި ގުޅޭގޮތުން ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ޔަހޫދީ ދައުލަތަށް ވާގިވެރިވާ ޤައުމުތަކުން ފިޔަވަޅު އަޅައިފިނަމަ އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެކަމަށް ޤިޔާސް ވިދާޅުވިއެވެ. އެހެންކަމުން، ޔަހޫދީ ދައުލަތުގެ ވެރިންގެ ޕާސްޕޯޓް މަނާކުރުމަށްފަހު އެ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެ ވަންނަ ފަރާތްތަކަށް ހިފެހެއްޓުންތަކެއް ހުންނަންޖެހޭކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެފައިވަނީ މި މައްސަލައާ ގުޅިގެން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާ ބައްދަލުކުރަމުންދަނީ މިއީ ޤައުމުގެ އިގްތިސާދާއި ގުޅުންހުރި ކަމަކަށް ވާތީ ކަމަށެވެ.






