ކ. ގުޅީގައި ފާނަބަސަންދު ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނަނާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓީމެއް އެރަށަށް ފޮނުވާފައިވާ ކަމަށް އެ އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ގުޅީގައި ފާނަބަސަންދު ޖެހުނު މީހުންގެ ޢަދަދު 25 އަށް އަރާފައިވާ ކަމަށެވެ. އަދި އެރަށުގައި މި ބަލި ޖެހޭ މީހުންގެ ޢަދަދު ގިނަ ވަމުން އަންނަ ނަމަވެސް ހިރާސް ބޮޑުވެ، އެނދުމަތިކޮށްގެން މިވަގުތު އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން މީގެ ކުރިން ވަނީ ދެ މީހަކަށް އެނދުމަތިކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ.
ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ އެޗްޕީއޭގެ ޓީމެއް އެރަށަށް ފޮނުވައިގެން ރައްކާތެރި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެރަށުގެ އާބާދީގެ ބޮޑު ބަޔަކަށް މިހާރު ވެކްސިންވެސް ދީފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ނޮވެންބަރުގެ ނިޔަލަށް ފާނަބަސަންދުގެ 2,977 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އެއީ މާލެ ސަރަޙައްދުން 1,506 ކޭސް އަދި އަތޮޅުތަކުން 1,471 ކޭސްކަމަށް އެޗްޕީއޭއިން ބުންޏެވެ.








