ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނުލިބި ހުރި ފައިސާގެ ތަފްސީލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ކޮމިޓީން އެގޮތަށް ނިންމީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވުމުންނެވެ. އެކަމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނެވެ.
އެޗްޑީސީއަށް ނުލިބިވާ 1.2 ބިލިއަން ރުފިޔާ އޮތް މައްސަލައާ ގުޅޭގޮތުން ވެސް އިއްޔެ މާލިއްޔަތު ކޮމިޓީގައި ވަނީ މަޝްވަރާކޮށްފަ އެވެ. އެ ފައިސާގެ ތެރޭގައި އަމިއްލަ ކުންފުނިތަކުން އެޗްޑީސީއަށް ދޭން ޖެހޭ 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު 6.4 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެކަމަކު، އެއީ އެންމެ ފަސް ކުންފުންޏަށް ލިބުނު ފައިދާ އެވެ.
ސަރުކާރު ހިއްސާވާ 30 ކުންފުނި މި ވަގުތު ހިންގާއިރު އޭގެ ތެރެއިން މިދިޔަ އަހަރު ފައިދާ ނެރެވުނީ 15 ކުންފުންޏަކަށެވެ.
މިދިޔަ އަހަރު ސަރުކާރު ކުންފުނިތަކަށް ވަނީ 660 މިލިއަން ރުފިޔާގެ ގެއްލުން ލިބިފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއް ލިބުނީ އާރުޑީސީ އާއި ރީޖަނަލް އެއާޕޯޓްސް އާއި އައްޑޫ އެއާޕޯޓު ކުންފުންޏާއި އައިލެންޑް އޭވިއޭޝަނާޢި ޕީއެސްއެމާއި ހައްޖު ކޯޕަރޭޝަން އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ.






