ހޯކްސް ޕްރައިވެޓް ލިމިޓެޑްއިން ތިލަފުށިން ދެ ބިމެއް 18.7 މިލިއަން ރުފިޔާއަށް ގަނެފައިވާ މުޢާމަލަތް ޞަޚަ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ. މި ބިންތައް ވިއްކާފައިވަނީ ތިލަފުށި ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
އިއްޔެ ސިވިލް ކޯޓުން ނިންމާފައިވަނީ އެޗްޑީސީއާއި ހޯކްސް އާއި ދެމެދު ހިނގާފައިވާ މި މުޢާމަލާތަކީ ޞައްޙަ މުޢާމަލާތެއް ކަމަށެވެ. އަދި މި ދެ ބިމުގެ ޙައްޤުވެރިޔަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑްކަން އެ ކޯޓުން ވަނޯ ކަށަވަރުކޮށްދީފައިވެއެވެ.
މައްސަލައިގައި ދައުވާ ކޮށްފައިވާ ހޯކްސް އިން ގަތް ފުރަތަމަ ބިމަކީ 16,701.59 އަކަފޫޓުގެ ބިމެކެވެ. މި ބިން ގަނެފައިވަނީ 9.9 މިލިއަން ރުފިޔާއަށެވެ. ދެވަނަ ބިމަކީ 14,777.22 އަކަފޫޓުގެ ބިމެކެވެ. މި ބިން ގަނެފައިވަނީ 8.7 މިލިއަން ރުފިޔާއަށެވެ.








