އިސްރާއީލްގެ ވެރިންގެ ޕާސްޕޯޓު މަނާކުރުމަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށާއި، އެހެންނަމަވެސް އިސްރާއީލްގެ ޕާސްޕޯޓު އޮތް އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ހެދުމަށް ތާއީދު ނުކުރާ ކަމަށް ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) އިން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ވާހަކަދައްކަވަމުން އެންއެޗްގޭމްގެ ނައިބު ރައީސް އަޙްމަދު ވަޙީދު ވިދާޅުވީ، މުޅި އިސްރާއީލްގެ މައްޗަށް ޕާސްޕޯޓު މަނާކުރަން ތާއީދު ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގައި ދިރިއުޅޭ މުސްލިމުން ވެސް އިސްރާއީލްގެ ޕާސްޕޯޓު ބޭނުންކުރާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އިސްރާއީލްގެ ސިފައިންނާއި އާންމުންގެ ޕާސްޕޯޓު މަނާކުރަން ނުފެންނަ ކަމަށެވެ.
"އިސްރާއީލަކީ ޑުއަލް ޕާސްޕޯޓު ގެންގުޅޭ ޤައުމަކަށް ވާތީ، އަޅުގަނޑުމެން އެއްވެސް ވަރަކަށް ތާއީދެއް ނުކުރަން (އިސްރާއީލްގެ ޕާސްޕޯޓު މަނާކުރަން). އިސްރާއީލްގެ ވެރިންގެ ޕާސްޕޯޓު މަނާކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދުކުރަން،" އަޙްމަދު ވަޙީދު ވިދާޅުވިއެވެ.
އެންއެޗްގޭމްގެ ފައިނޭންޝަލް ކޮންޓްރޯލަރ ޙަސަން ޢަލީ މަނިކު ވިދާޅުވީ، އިސްރާއީލްގެ ޕާސްޕޯޓު އޮތް އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދައިފިނަމަ، ފަތުރުވެރިކަމުގެ ސިނާޢަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އޮންލައިން ޕްލެޓްފޯމްތަކުގެ މައިގަނޑު ހިއްސާ އޮންނަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ ފަރާތްތަކުގެ އަތުގައި ކަމަށްވާތީ، މިފަދަ ބޮޑު ނިންމުމެއް ނިންމައިފިނަމަ ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ އިޤްތިޞާދަށް ހީނަރުކަމެއް އަތުވެދާނެ ކަމަށެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އިސްރާއީލްގެ 10,380 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މި އަހަރު މިހާތަނަށް 1,200 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.









