ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބަކީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިންތިހާބެވެ. އެ އިންތިހާބުގައި 34،904 މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. އަދި 667 ކެންޑިޑޭޓުން އެ އިންތިހާބުގައި ވާދަކުރި އެވެ.
އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ހަތަރު ގަޑިއިރަށެވެ. އަދި އެ އިންތިހާބުގައި ވޯޓުލުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޖުމްލަ 143 ފޮށި ބެހެއްޓި އެވެ.
ޕީއެންސީން ބުނީ ވަގުތީ ނަތީޖާ އިއުލާންކުރީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނައި އެ މަރުކަޒުތަކުގައި އިއުލާންކުރި ނަތީޖާތައް ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ. އެ ނަތީޖާއާއި މެދުގައި އެއްވެސް ޝަކުވާއެއް އޮތް ނަމަ، ހެކިތަކާއި އެކު، އެކަމަށް ހާއްސަކޮށްްފައިވާ ފޯމާއި އެކު ޝަކުވާ ހުށަހަޅަން އެދޭ ކަމަށް އެ ޕާޓީން ބުންޏެވެ.
މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާނީ ވޯޓުފޮށިތަކުގެ ވޯޓު ކަރުދާސްތަކާއި ނަތީޖާ ޝީޓުތަކުގެ އަސްލު ޕީއެންސީގެ ރަސްމީ އޮފީހަށް ލިބުމުން، އަދި ހުށަހަޅާ ޝަކުވާ ފޯމުތަކަށް ބެލުމަށް ފަހުގައި ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، މަގާމުތަކަށް އަލަށް އިންތިހާބުވި ބޭފުޅުންނާ އެކު، އެ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރެވޭނެ އެވެ.









