ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދެ ބޯޓެއް ނީލަމުގައި ވިއްކާލަން އިއްޔެ އިއުލާންކޮށްފި އެވެ.
މިފްކޯއިން ވިއްކާލަނީ މަސް ކިރަން ބޭނުންކުރި "ރަނދި 22" އާއި "ރަނދި 27" އެވެ. އެ ދެ ބޯޓްގެ ތެރެއިން "ރަނދި 22" ގެ ނީލަން ފެށޭ އަގަކީ 500،000ރ. އެވެ. އަދި "ރަނދި 27" ގެ ނީލަން ފެށޭ އަގަކީ 600،000ރ. އެވެ.
ނީލަމުގައި ދެ ބޯޓަށް ވެސް މަދުވެގެން އިތުރު ކުރެވޭނީ 25،000ރ. ކަމަށް މިފްކޯގެ އިއުލާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ މި ވަގުތު ޅ. ފެލިވަރުގެ ފަޅުގައި އޮތް މި ބޯޓުތަކުގެ ހާލަތު ބަލަން ބޭނުންވާ ފަރާތްތަކުން ފެލިވަރަށް ދިޔުމުން ބޯޓު އިންސްޕެކްޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ދަގަނޑު ބޯޓެއް ކަމަށްވާ "ރަނދި 22" އަކީ 1988 ވަނަ އަހަރު ސްރީލަންކާގެ ކޮލޮމްބޯ ޑޮކްޔާޑުގައި ހެދި ބޯޓެކެވެ. މިފްކޯއަށް އެ ބޯޓު ގަތީ 2010 ވަނަ އަހަރު އެވެ. ޖުމްލަ 36 މެޓްރިކް ޓަނުގެ އެ ބޯޓު ބޭނުންކުރުން ހުއްޓާލީ 2021 ވަނަ އަހަރު އެވެ.
ފައިބަރު ބޯޓެއް ކަމަށްވާ "ރަނދި 27" އަކީ 2018 ވަނަ އަހަރު މިފްކޯއިން ގަތް ބޯޓެކެވެ. އެ ބޯޓު ވެސް ބޭނުންނުކުރާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
މިފްކޯއިން މަސްކިރާ ކެޕޭސިޓީ އިތުރުކުރުމަށް އެ ކުންފުނިން މިދިޔަ އަހަރު ވަނީ އައު ބޯޓްތަކެއް ގެނެސްފަ އެވެ.









