ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމުގެ މައްސަލަ ބާޠިލުކުރުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޤާނޫނީ ވަކީލު މުޙައްމަދު ރާޣިބެވެ.
މި މައްސަލަ ހުށަހަޅަފައިވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ސިޓީގެ ދަރަޖަ ދެވޭނީ އާބާދީގައި 10،000 މީހުން ހަމަވުމުންނެވެ.
ތިނަދޫގެ އާބާދީގެ އަދަދުތައް އޮޅުވާލައިގެން މެނިޕިއުލޭޓް ކުރި ކަމަށް ބުނެ، ތިނަދޫގެ ސިޓީ ސްޓޭޓަސްގެ ސައްހަކަމަށް ގޮންޖަހާ ޤާނޫނީ މައްސަލައެއް ހައި ކޯޓަށް ހުށަހެޅިއިރު، ތިނަދޫގެ އާބާދީ 10،000 ހަމަނުވާ ކަމަށް ސާބިތުކޮށްދިނުމަށް ބޭނުންކުރި ލިސްޓަކީ ބާތިލް ލިސްޓެއް ކަމަށް ބަޔާންކޮށްފައި ވެއެވެ. ރާޣިބު ވިދާޅުވި ގޮތުގައި އެ ލިސްޓުގައި މަރުވި 115 މީހުންގެ ނަން ހިމަނާފައިވާއިރު، އާބާދީގެ ޢަދަދު ބޮޑުކުރުމަށް ބައެއް އައިޑެންޓިޓީ ކާޑުތައް އެތައް ފަހަރަކު ބޭނުންކޮށްފައިވެ އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ތިނަދޫގެ ޙަޤީޤީ އާބާދީ 7،900 އަށް ރެކޯޑް ކުރާއިރު، މިއީ ސިޓީގެ ދަރަޖައަށް ވުރެ މާ ދަށް ޢަދަދެކެވެ. މީގެ އިތުރުން އާބާދީ ލިސްޓް ތައްޔާރުކުރުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި މަޝްވަރާ ނުކުރެވި، އެ ލިސްޓް ޝަރުއީ ކަމާ މެދު އިތުރު ކަންބޮޑުވުންތަކެއް އުފެދިފައިވެ އެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ.
ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ތިނަދޫއަށް ސިޓީއެއް ދަރަޖަ ދިން އިއުލާނާއި ގުޅިގެން އިދާރީ ގޮތުން އަޅާފައިވާ ފިޔަވަޅުތައް “ސަސްޕެންޑްކޮށް” އެ ނިންމުން ބާތިލް ކުރުމަށެވެ.
ރާޣިބު ވިދާޅުވީ، އޭނާ މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގދ. އަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން، އެކަމުގެ ޙަޤީޤަތް އެނގޭތީ ކަމަށެވެ. އަދި ރައީސް ޞާލިޙް ޤާނޫނާ ޚިލާފު ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާޣިބު އިތުރަށް ވިދާޅުވީ، ތިނަދޫގެ އާބާދީގެ ލިސްޓުގައި މީގެ އެތައް އަހަރެއް ކުރިން މަރުވެފައިވާ މީހުންގެ ނަންތައް ހިމެނިފައިވާ ކަމަށާއި، ހަމައެކަނި އައިޑީ ކާޑު ނަންބަރު ބަދަލުކޮށްލައިގެން އެއް ނަމެއްގައިވެސް މީހުން ހިމަނާފައިވާ ކަމަށެވެ.
މި މައްސަލަ ރާޣިބު ކޯޓަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.









