އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދޭގޮތަށް އެ ދެކޮމިޝަންގެ ޤާނޫނަށް ހުށަހެޅި އިޞްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މީގެތެރެއިން އޭސީސީއާއިބެހޭ ބިލް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރުއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު ހުށަހަޅުއްވާފައި ވަނީ ކެލާ ދާއިރާގެ މެންބަރު ޢަބުދުﷲ ޝަރީފް އެވެ.
މި ދެ ބިލު ވެސް މަޖިލީހުން ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ.
މި ދެ ބިލުގައިވާގޮތުން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް އައްޔަނުކުރާނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމާ ގޮތެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެވެ.
މި ދެ މިނިވަން މުއައްސަސާގެ ޤާނޫނަށް ވަކިވަކިން އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެމްބަރުން އައްޔަން ކުރުމުގެ އުސޫލު އެއްހަމަކުރުން ކަމަށް މި ބިލުތަކުގައި ބުނެފަވެއެވެ.









