ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭ ލެވެލްގައި މެރިން ސައިންސް މާއްދާ ކިޔަވައިދޭން ފަށައިފި އެވެ.
ސެންޓަ ފޯ ހަޔަރ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި މި މާއްދާ ކިޔަވައިދޭން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގައި އޭ ލެވެލްގެ އައު ބެޗުގެ ކިޔެވުން ފެށުމާއި އެކުގަ އެވެ. އެ ސްކޫލްގައި އެ މާއްދާ ކިޔަވައިދޭން ފެށުން ރަސްމީކޮށް ފާހަގަކުރީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ވަގުތު ރާއްޖޭގައި އޭ ލެވެލްގައި އެ މާއްދާ ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ ސީއެޗްއެސްއީ އެވެ.
މާލެ ސީއެޗްއެސްއީގައި މެރިން ސައިންސް ކިޔަވައިދޭން ފެށުން ފާހަގަކުރީ، މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުގެ މެރިން ބަޔޮލޮޖިސްޓް ޑރ. އަހުމަދު ރިޔާޒް ޖައުހަރީ އެވެ.
ރާއްޖޭގައި މެރިން ސައިންސް ކިޔަވައިދޭން މި ފެށީ އޯ ލެވެލްގައި ފިޝަރީޒް ސައިންސް ކިޔަވައިދޭން ފެށިތާ 40 އަހަރު ފަހުންނެވެ.