ރޭގަނޑު ދަންވަރު ހޮސްޕިޓަލް ކޮރިޑޯތަކުގައި ބަލިމީހުން ޗެކް ކުރަމުން ދަނިކޮށް އިސްރާއީލުން ޑްރޯން ބޭނުންކޮށްގެން ޙަމަލާދީ ކަމާލް ޢަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު އަބޫ ސާފިޔާ ޒަހަމް ކޮށްލައިފި ކަމަށް އެތައް މީޑިއާ ރިޕޯޓްތަކެއް ބުނެ އެވެ.

ކަމާލް ޢަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު އަބޫ ސާފިޔާ ޒަހަމް ކޮށްލާފައި / ފޮޓޯ: ސޯޝަލް މީޑިއާ
އިސްރާއީލުގެ ޙަމަލާގައި ޣައްޒާގެ އުތުރުގައި ހުންނަ އެ ހޮސްޕިޓަލުގެ އިމަޖެންސީ އެންޑް ރިސެޕްޝަން ޑިޕާޓްމަންޓްގެ ތެރޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނާއި އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް މަދުވެގެން ދިހަވަރަކަށް މީހުން ޒަހަމްވެފައިވެ އެވެ.
މި ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ މެންދުރުން ފެށިގެން ރޭގަނޑު ދަންވަރު ވަންދެން ޑްރޯން ހަމަލާތަކާއި ބަޑިން އެ ހޮސްޕިޓަލަށް އަމާޒުކޮށް ދެމުންދިޔަ ޙަމަލާތަކުގައެވެ.
މި ބޮމުގެ ހަމަލާތައް ތަކުރާރުކޮށް އަމާޒުކޮށްފައިވަނީ އެމަޖެންސީ އެންޑް ރިސެޕްޝަން ޑިޕާޓްމަންޓުގެ ވަދެވޭ ދޮރާއި ހޮސްޕިޓަލް ގޯތިތެރެއާއި ކަރަންޓް ޖަނަރޭޓަރުތަކާއި ގޭޓްތަކަށެވެ.
އިސްރާއީލުގެ ބޮންތަކުގެ ސަބަބުން ކަރަންޓް ޖަނަރޭޓަރާއި އޮކްސިޖަން އަދި ފެނުގެ ނިޒާމުތަކަށް ވެސް ބުރޫއަރައި، ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް ގިނަ ބަޔަކު ޒަޚަމް ވިއެވެ.
އޮންލައިންކޮށް ދައުރުވަމުން ދިޔަ ވީޑިއޯ ފޫޓޭޖްތަކުގައި އަނިޔާވެފައިވާ މަޝްހޫރު އެ ހޮސްޕިޓަލް ޑިރެކްޓަރުގެ ހިއްވަރުގަދަކަން ފެނެއެވެ.
"އަޅުގަނޑުމެންގެ ހައްގުތަކަށް އަރައިގަނެ، އަޅުގަނޑުމެންނަށް އަމާޒުކޮށް، ޙަމަލާދިނަސް އަނިޔާވެގެން ގެންނަ މީހުންނަށް އަޅުގަނޑުމެން މި ހޮސްޕިޓަލުން ފަރުވާ ދޭން ދެމިތިބޭނަން. .މާތްالله އިރާދަކުރެއްވިއްޔާ އަޅގަނޑަށް ވެސް ޝިފާ ލިބޭނެ. އަދި ފަރުވާ ފޯރުކޮށްދިނުން ކުރިއަށް ގެންދާނަން" ދައުރުވަމުންދާ ވޯޑިއޯގައި އޭނާ ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އިސްރާއީލުން ފެށި ހަނގުރާމައިގައި ޣައްޒާ ވަށާލިފަހުން އެ ސަރަހައްދުގައި ހިނގާ ކަންތައްތަކާއި ސިއްހީ ހިދުމަތުގެ ހާލަތާ ބެހޭ ގޮތުން އޭނާ އަންނަނީ ޤަވާއިދުން އަޕްޑޭޓްތައް ދެމުންނެވެ.
އޭނާ ވަނީ އިސްރާއީލުން މެދުނުކެނޑި މެޑިކަލް ފެސިލިޓީތަކާއި ހޮސްޕިޓަލްތަކަށް ބޮން އަޅަމުންދާކަން ތަކުރާރުކޮށް ކުށްވެރިކުރައްވާފައެވެ.
"ކަމަލް އަދުވާންގެ ބަލިމީހުންނާއި މެޑިކަލް ސްޓާފުން މުސީބާތެއްގެ ހާލަތެއްގައި އުޅޭތާ 40 ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ،" ހުކުރު ދުވަހު އޭނާ ވިދާޅުވި އެވެ.
އިސްރާއީލުން އެ ހޮސްޕިޓަލު ވަށާލާފައިވާއިރު އެތަނުގައި މިވަގުތު ހޮސްޕިޓަލުގައި 86 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭއިރު އަށް މީހުންގެ ހާލު ސީރިއަސްވެ އިންޓެންސިވް ކެއާގައި ދަނީ ފަރުވާ ދެމުންނެވެ. ކުޑަކުދިންގެ ޑިޕާޓްމަންޓުގައި 14 ކުދިންނަށް ދަނީ ފަރުވާ ދެމުންނެވެ.
ޣައްޒާގެ ޞިއްޙީ ނިޒާމުގެ 70 އިންސައްތަ ވަނީ ސުންނާފަތިކޮށްލާފައި
އޮކްޓޯބަރު މަހުގެ ކުރީކޮޅުއްސުރެ އިސްރާއީލުގެ ސިފައިން ވަނީ މުޅި އުތުރު ޣައްޒާ ހިސާރުކޮށްފައެވެ. އެއްވެސް މީހަކަށް ވަދެ ނުކުމެވޭނެ ގޮތް ނުދީ، އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ބޮން އަޅައި އެއްގަމާއި ވައިގެމަގުން ދަނީ ހަމަލާތައް ދެމުންނެވެ.
މީގެއިތުރުން، އެމްބިއުލާންސް، ބޭސް، ކާބޯތަކެތި އަދި ސިވިލް ޑިފެންސް ކްރޫތައް އުތުރަށް ވަނުން ވެސް އޮސްރާއީލުން ހުއްޓުވާފައިވާ ކަމަށް އދ އިން ބުނެއެވެ.
ޣައްޒާގެ އޮފިޝަލުން އިންޒާރުދޭ ގޮތުގައި 48 ގަޑިއިރުތެރޭ ހޮސްޕިޓަލް ބަންދު ކުރަން ޖެހިދާނެ
ހެލްތު މިނިސްޓްރީން ދާދި ފަހުން އިންޒާރު ދީފައި ވަނީ އިސްރާއީލުން ބޮޑެތި ހުރަސްތަކެއް އެޅުމުގެ ސަބަބުން ޖަނަރޭޓަރުތަކަށް ތެޔޮ ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި ސިއްހީ ސާމާނުތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ 44،211 މީހުން ޝަހީދުވެފައިވާ ކަމަށް އދ އިން ބުނެއެވެ. އަދި 104،567 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.











