ފަލަސްޠީނުގެ މުސްލިމުންނާއި ދެކޮޅަށް އިސްރާޢީލުގެ ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ވާހަކަތައް އަދުގެ ދަރިވަރުންނަށް ކިޔައިދީ ފަލަސްޠީނާމެދު ލޯބި އުފެއްދުމަކީ މުހިންމުކަމެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ ދަރިވަރުން އިންތިޒާމްކޮށްގެން ބޭއްވި ފަލަސްޠީން ފޯރަމާ ގުޅިގެން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ފަލަޞްޠީނުގެ މުސްލިމުންގެ ޙައްޤުގައި ކުރަންޖެހޭ އެންމެ މުހިންމުކަމަކީ އެޤައުމަށް ދިމާވެފައިވާ ނިކަމެތިކަމަކީ ކޮންމެ މުސްލިމަކުވެސް އެކަމާ ހިތާމަކޮށް ކަންބޮޑުވާންޖެހޭ، އަދި މުސްލިމް އުންމަތަށް ދިމާވެފައިވާ މުހިންމު މައްސަލައެއްކަން އަދުގެ ދަރިވަރުންނަށް ކިޔައިދިނުން ކަމަށެވެ. އަދި މި މައްސަލަ ޢިލްމީ ހަމަތަކުން ކިޔައިދީ، ހޭލުންތެރިކަން އުފެއްދުން މުހިންމުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފަލަސްޠީނުގެ ބިމާއި އެބިމުގައިވާ މުސްލިމުންގެ މުޤައްދަސް މިސްކިތްކަމުގައިވާ އަލްމަސްޖިދުލް އަޤްޞާއާމެދު ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖެއްސުމަކީވެސް މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ފަލަސްޠީނަށް ދިމާވެފައިވާ ޙަލަތާމެދު ހޭލުންތެރިކުރުމަށް ރާއްޖޭގެ މައި ދެ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން އިންތިޒާމްކޮށްގެން ފޯރަމެއް ބޭއްވުމުން އެ ދެ ޖަމިއްޔާއަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ. މި ފޯރަމަކީ މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުންތަކެއް އިސްނަގައިގެން ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ފޯރަމްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ފޯރަމްގައި ފަލަސްޠީނަށް ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް ފެށުނު ގޮތާބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކައި، ސްޓޫޑެންޓް ޔޫނިއަންތަކުގެ ދަރިވަރުން މަޢުލޫމާތު ހިއްސާކޮށް، ވާހަކަދެއްކިއެވެ. އަދި ޚާއްސަ ޕެނަލް ޑިސްކަޝަނެއްގައި އައްޝެއިޚް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނާއި އެމްއެންޔޫގެ ސީނިއަރ ލެކްޗަރަރ މުޙައްމަދު ދީދީއާއި އައިޔޫއެމްގެ ލެކްޗަރަރ ޑރ. ޢަލީ ރިޒާ އަޙްމަދު މަޢުލޫމާތު ދެއްވައި، ފަލަސްޠީނަށް ދިމާވެފައިވާ ޙާލަތާބެހޭ މުހިންމު މަޢުޟޫތަކަށް އަލިއަޅުވާލައި ވާހަކަފުޅުދެއްކެވިއެވެ.
ފަލަސްޠީންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ޢުދުވާނީ ޙަމަލާތަކެއް މިފަހަކުން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހުއެވެ. ޙަމަލާތައް ދޭން ފަށާފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފާވާއިރު، 44،000 އެއްހާ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
މި ފޯރަމްގެ މުހިންމުކަން ފާހަގަކުރައްވަމުން، ވަޒީރު ޝަހީމް ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ ފަލަސްޠީނުގެ މައްސަލައާމެދު ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި އެ ޤައުމުގެ މައްސަލައެއް ނޫންކަމާއި، މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުމެއްކަމަށެވެ. އެހެންކަމުން، މި މައްސަލައާއިމެދު ހުރިހާ މުސްލިމުންވެސް ސަމާލުވެ، އެކަމަށް އަޑުއުފުލަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފޯރަމްގައި ބައިވެރިވި ދަރިވަރުން ފާޅުކުރި ޚިޔާލުތަކަށް ވަޒީރު ތަޢުރީފުކުރައްވައި، މިފަދަ މުހިންމު މައްސަލަތަކާމެދު ދަރިވަރުން ދައްކާ ޝައުޤުވެރިކަމަކީ އުފާވެރިކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ވަޒީރު ހިތްވަރުދެއްވިއެވެ.









