އިންޑިއާގެ އުއްތަރު ޕްރަދޭރަދޭޝްގެ ސަމްބަލްގައި ހުރި މިސްކިތަކަށް އެ ސިޓީގެ ފުލުހުންގެ ބަޔަކު ސާވޭއެއް ހެދުމަށް ކަމަށް ބުނެ ވަދެގަތުމުން މުސްލިމުންނާއި ފުލުހުންނާއި ދެމެދު ބޮޑު ހަމަނުޖެހުމެއް ހިނގައި 3 މީހަކު މަރުވެއްޖެއެވެ.
މޮރަދާބާދު ޑިވިޝަނަލް ކޮމިޝަނަރު އައުންޖަނޭޔާ ކުމާރު ސިންގް މީޑިއާއަށް މަޢުލޫމާތު ދިން ގޮތުގައި މި ހަމަނުޖެހުމުގައި މަރުވެފައިވަނީ ޢާންމުންގެ ތިން މީހެކެވެ. އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއާއެކު 30 އަށްވުރެ ގިނަ ފުލުހުންނަށް އަނިޔާވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
ހަމަނުޖެހުން ފެށުނީ ހެނދުނު 7:30 ގައި ކޯޓުން އައްޔަންކުރި އެޑްވޮކޭޓް ކޮމިޝަނަރެއްގެ ދަށުން ސަރވޭ ޓީމެއް މިސްކިތަށް ވަދެ މަސައްކަތް ފެށުމުންނެވެ. ސަރވޭ ޓީމު މިސްކިތަށް ވަންނަން އުޅުމުން ގާތްގަނޑަކަށް 1000 އެއްހާ މީހުން އެއްވެ، ފުލުހުންނާއި ކުރިމަތިލިއެވެ. ހަމަނުޖެހުން ބޮޑުވެގެން ދިޔުމާއެކު ފުލުހުންވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ.
މި މިސްކިތަކީ ކުރީގެ ހިންދޫ މަންދިރެއްގެ ތަނެއްގައި ހުރި މިސްކިތެއް ކަމަށް ބުނެ ކުރިންވެސް މައްސަލަޖެހިފައިވާ މިސްކިތެކެވެ. މައްސަލަ ހުށަހެޅި ފަރާތުން ބުނާ ގޮތުގައި މި މިސްކިތް ހުރި ތަނުގައި ކުރިން ހުރި މަންދިރު މުޣަލް ރަސްގެފާނު ބާބުރު ވަނީ 1529 ވަނަ އަހަރު ތަޅާލާފައެވެ.
ސަމާޖްވާދީ ޕާޓީގެ ވެރިއެއް ކަމުގައިވާ އަޚްލޭޝް ޔާދަވް ވަނީ މި ހާދިސާއަކީ އެންމެ ފަހުން ބޭއްވުނު ބައި-އިލެކްޝަނާ ގުޅޭ މައްސަލަތަކުން ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކުރުމަށް ބީޖޭޕީ ސަރުކާރުން ރާވައިގެން ހިންގި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި ހަމަނުޖެހުމުގައި ބައިވެރިވި މީހުން ދެނެގަނެ އެ މީހުންނާއިމެދު ފިޔަވަޅު އެޅޭނެއެވެ. އަދި ހަމަނުޖެހުން ހިނގި ނަމަވެސް، ސަރވޭ ޓީމުން ވަނީ ކޯޓު އަމުރާއި އެއްގޮތަށް މިސްކިތުގެ ފޮޓޯ އަދި ވީޑިއޯ ނަގައި، ތަނުގެ ތަފްސީލީ ދިރާސާއެއް ފުރިހަމަކޮށްފައި ކަމަށް ފުލުހުންގެ އިސް އޮފިސަރެއް ކަމުގައިވާ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ކްރިޝްނާ ކުމާރު ވިޝްނޯއީ މީޑިއާއަށް މަޢުލޫމާތު ދީފައިވެއެވެ.
މި ހަމަނުޖެހުމުގައި ބައިވެރިވި ބަޔަކު ފުލުހުންނާއި ދިމާއަށް ގާ އުކައި، 10 އަށްވުރެ ގިނަ އުޅަނދު އަންދާލި ކަމަށާއި، މި ހާދިސާއާއި ގުޅިގެން 15 މީހުން ހައްޔަރުކޮށްފައިވާ ކަމަށް މޮރަދާބާދު ޕޮލިސް ކޮމިޝަނަރު އަނަންޖޭ ކުމާރު ސިންގް ބުނެއެވެ. އޭގެ ތެރޭގައި 3 އަންހެނުން ހިމެނެއެވެ.
މި މައްސަލައާއި ގުޅިގެން ސަމާޖްވާދީ ޕާޓީގެ އެމްޕީ ޒިއާ އުރް ރެހްމާން ބާރްގް ވަނީ ފާޑުކިޔާފައެވެ. އޭނާ ބުނާ ގޮތުގައި ޕްލޭސަސް އޮފް ވަރޝިޕް އެކްޓް 1991 ގެ ދަށުން 1947 ގައި އެތަނެއް ހުރި ގޮތަކަށް ބަދަލެއް ނުގެނެވޭނެއެވެ.
މި ހާދިސާއާ ގުޅިގެން އުއްތަރު ޕްރަދޭޝްގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މި ކަމަކީ އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ދީނީ ގޮތުން ޚިލާފު އުފެދިފައިވާ ތަންތަނާއި ގުޅޭ ގޮތުން އަބަދުވެސް ޖަދަލު އުފެދޭ މައްސަލައެކެވެ.









