ހަށިވިއްކުމާއި ގުޅިގެން ހަތް ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މި މަހު ޚާއްޞަ އިންސްޕެކްޝަންތަކެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަނުގެ ދަށުން، ހަށިވިއްކުމުގެ ފަސް މައްސަލައަކާއި ގުޅިގެން ހަތް މީހަކު ވަނީ އިމިގްރޭޝަނުން ބަންދުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ބަންދުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީ ފަސް އަންހެނުންނާއި، އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ ދެ ފިރިހެނެކެވެ. އިމިގްރޭޝަނުން ބުނީ ހަށިވިއްކަމުންދިޔަ އަންހެނުންނަކީ ތައިލެންޑު، ސައުތު އެފްރިކާ، ޔުގާންޑާ، ބަންގްލަދޭޝް އަދި ރަޝިއާއަށް ނިސްބަތްވާ މީހުންކަމަށެވެ. އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ދެ ފިރިހެނުންވެސް ނިސްބަތްވަނީ ބަންގްލަދޭޝަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ މި މައްސަލަތައް ތަޙުޤީޤުކުރުމަށްފަހު، ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެ ތެރެއިން ތިން އަންހެނަކު މިހާރު ޑިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހަތަރު ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ފާހަގަކުރިއެވެ.









