މަސްތުވާތަކެތީގެ ވަބާއިން މުޅި ރާއްޖެ ސަލާމަތްކުރުމަކީ އެންމެ އިސްކަންދެއްވާ އެއް މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަލާމަތީ ޚިދުމަތްތަކުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ސަރަޙައްދުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމާއި ގުޅިގެން އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މި ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، "ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއްކަންތައް" ކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 158 އޮޕަރޭޝަނެއް ހިންގައި، 12,561 މީހުން ބަލައި ފާސްކޮށް، 1,009 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.









