ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް އިޙްމާލުވެފައިވާ ކަމަށް ބުނެ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އިތުރުފުޅު ހެއްދެވި ކަމަށާއި މަސްވެރިންނަށް އިހުމާލުވީ ފައްޔާޒުގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި ކުރީގެ ސަރުކާރުން ކަމަށް ގިނަ މަސްވެރިން ފާހަގަކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ މެންދުރުފަހު ވަގުތެއްގައި އެމްޑީޕީގެ އިސް ބޭފުޅުން ކަމަށް ބުނެ އެމްޑީޕީގެ ރައީސް ޝާހިދުއަށް ވަގަށް ފައްޔާޒުއާއި އަދި އެމްޑީޕީގެ މަދު ބަޔަކު މާލޭ މަސްމާރުކޭޓަށް ޒިޔާރަތްކޮށް މަސްވެރިންނާއި ބައްދަލުކުރި ނަމަވެސް، ގިނަ މަސްވެރިން ފާހަގަކޮށްފައިވަނީ މިހާރުގެ ސަރުކާރުން މަސްވެރިންނަށް އެހީތެރިވެދީފައިވާ މިންވަރެވެ.
މަސްވެރިން ބުނެފައިވަނީ އެނސަރުކާރެއްގައި ފައްޔާޒު ހިމެނޭ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންތިޚާބާއި ދިމާކޮށް މަހުގެ އަގު އާދަޔާއި ޚިލާފަށް މާކެޓް ރޭޓަށްވުރެ މައްޗަށް ޖައްސާލި ކަމަށާއި، އެއީ މަސްވެރިންގެ ވޯޓު ހޯދުމަށް ކުރި ކަމެއް ކަމަށެވެ. އެ އަގުގައި ފައިސާ ދިނުމުގެ ބަދަލުގައި ދީފައިވަނީ ކަރުދާސްގަނޑެއް ކަމަށާއި، އޭގެ ސަބަބުން މަސްވެރިން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް މަސްވެރިން ބުނެއެވެ.
މިހާރުގެ ސަރުކާރުން ވަނީ ކުރީގެ ސަރުކާރުން ދޭން ޖެހުނު ހުރިހާ ފައިސާއެއް މަސްވެރިންނަށް ދީ ނިންމާފައިވާ ކަމަށް މަސްވެރިން ފާހަގަކޮށްފައިވެއެވެ. އަދި މިހާރުގެ ސަރުކާރުން މަސްވެރިންނަށް އެހީތެރިވެދޭ ކަމަށް ވެސް މަސްވެރިން ބުނެއެވެ.
މީގެ އިތުރުން ގިނަ މަސްވެރިން ވެސް ޤަބޫލުކުރަނީ ކުރީގެ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ގަސްދުގައި އިނދަޖައްސާލި ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އެ ގެއްލުންތައް ފޫބައްދަން މަސައްކަތްކުރަމުންދާ ކަމަށް ވެސް މަސްވެރިން ފާހަގަ ކުރެއެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުގެ ފަރާތުން ވިދާޅުވެފައިވަނީ މަސްވެރިންނަކީ ޤައުމުގެ އިޤްތިޞާދުގެ ނާރެސް ކަމަށާއި، މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށެވެ. އަދި މަސްވެރިންނަށް ދަތިނުވާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ޔަޤީންކަން ދީފައެވެ.
ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ލިބޭ ސިނާޢަތަކީ މަސްވެރިކަން ކަމުގައި ހެދުމަށް މަސައްކަތް ކުރާކަމަށެވެ.
ސަރުކާރުން ވަނީ ކޮންމެ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމާއި، ކުރިޔަށް އޮތްތަނުގައި މަސް ޕްރޮސެސްކޮށް އަދި ރައްކާކުރެވޭނެ ކެޕޭސިޓީ ވެސް ބޮޑުތަނުން އިތުރުކުރުމަށް ނިންމައި އެކަން އިޢުލާން ވެސް ކޮށްފައެވެ. އެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މިއީ ފައްޔާޒުގެ ސަރުކާރުގައި ކުރެވެން އޮތް ކަމެއް ނަމަވެސް، އެ ސަރުކާރުން ބެލީ ވައްކަން ކުރުމަށް ކަމަށް ވެރިކަން ނިމުނުއިރު ޤައުމުގެ ބައިތުލްމާލު ހުސްވެ އިންތިހާއަށް ދަރައިފައި އޮތުމުން އެނގެއެވެ.
ފައްޔާޒު މިވަގުތު މަސައްކަތް ކުރައްވަނީ އިތުރުފުޅު ހައްދަވައިގެން ވެސް މަސްވެރިން ހައްލައިލުމަށެވެ. އޭނާއަށް 5 އަހަރު ލިބުނުއިރު މަސްވެރިން ނިކަމެތި ކޮށްލުމަށްފަހު، މިސަރުކާރުގެ ބޮލުގައި އެކަން އެޅުވިޔަސް ރައްޔިތުންނަށް މިއަދު ޙަޤީޤަތް އެނގެއެވެ.









