ރާއްޖެއަށް އެކްސްޕޯޓްކުރުމަށް އިންޑިއާއިން ހުއްދަދިން 70 ޓަނުގެ ހަކުރު ސްރީލަންކާއަށް ވަގަށް އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަޙުޤީޤުކުރަމުންދާތީ، ވަގުތީ ގޮތުން ރާއްޖެއަށް އިންޑިއާއިން ހަކުރު އެކްސްޕޯޓުކުރުން ހުއްޓާލާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ އިޤްތިޞާދީ ކަންކަމާބެހޭ މިނިސްޓްރީގެ ދަށުން ހިންގާ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން މި ތަޙުޤީޤު ވަނީ ފަށާފައެވެ.
އޮކްޓޯބަރު 25 ގައި ރިޕޯޓުކުރެވުނު ގޮތުގައި، އިންޑިއާގެ ބައެއް އެކްސްޕޯޓަރުން ވަނީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ހުއްދަދިން 64،494.33 ޓަނުގެ ހަކުރުގެ ބައެއް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައިވާ މަދުވެގެން 7 ކޮންޓޭނަރުގެ ހަކުރު އެހެން ތަނަކަށް ގެންދަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުގައި ނަވާ ޝޭވާ ބަނދަރުގައި ވަނީ ހިފަހައްޓާފައެވެ.
އަނެއްކޮޅުން، އިންޑިއާގެ ހަކުރު ކޮޅުނބަށް އެތެރެކުރި ކަމުގެ އިންޒާރަކާ ގުޅިގެން ސްރީލަންކާގެ ކަސްޓަމްސް އޮފިޝަލުން ގާތްގަނޑަކަށް 70 ކޮންޓެއިނަރުގެ ހަކުރު ހިފަހައްޓާފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފައިވެއެވެ.
ރާއްޖެއަށް އަންނަން ޖެހޭ ޝިޕްމެންޓެއް އެހެން ދިމާލަކަށް ދިއުމާ ގުޅޭ ތަޙުޤީޤު ފެށުމާ ގުޅިގެން، ދިވެހިރާއްޖެއަށް ހަކުރު އެކްސްޕޯޓްކުރުން ގާތްގަނޑަކަށް މުޅިންހެން ހުއްޓިފައިވާ ކަމަށް އިންޑިއާގެ މީޑިއާއިން ބުނެފައިވެއެވެ. ވިޔަފާރީގެ މަޞްދަރުތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ސްރީލަންކާގެ އޮފިޝަލުން ވަނީ ހަކުރު ޝިޕްމަންޓަށް ކްލިއަރަންސް ދިނުން ހުއްޓާލާފައިވެއެވެ. އޭގެ އިތުރުން އެތެރެ ކުރަން އުޅުނު ހަކުރު ގަންނަން އުޅުނު ފަރާތްތައް ހޯދައި ލަންކާގެ އޮފިޝަލުން ވެސް ވަނީ ތަހުގީގު ފަށާފައެވެ.
ހަކުރު ލަންކާއަށް ގެންދިޔުމުގައި ރާއްޖޭގެ ދައުރެއް އޮތްކަމަކަށް މަޢުލޫމާތެއް ނެތެވެ. އިންޑިއާގެ މީޑިއާތަކުން ބުނާގޮތުގައި މިކަމުގައި ތުހުމަތުކުރެވެނީ ބޯޓު އޮޕަރޭޓްކުރާ އިންޑިއާގެ ފަރާތްތަކަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އޮކްޓޯބަރު މެދާއި ހަމައަށް، ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރުމަށް ހުއްދަ ދެވިފައިވާ 80 އަށްވުރެ ގިނަ ކޮންޓެއިނަރުގެ ހަކުރު ސްރީލަންކާގެ ކޮޅުނބަށް ގެންގޮސްފައިވެއެވެ.
އިންޑިއާގެ ބިޒްނަސްލައިން އިން ހާމަ ކޮށްފައިވާ ގޮތުގައި އެ ނޫހަށް ލިބިފައިވާ ސެޕްޓެމްބަރު 30، 2024 ގެ ތާރީޚުގެ ބިލް އޮފް ލޭޑިންގގެ ކޮޕީ އަކުން ހާމަވާ ގޮތުން، 270 ޓަނުގެ މުދާ ނަވާ ޝޭވާ ބަނދަރުން ފޮނުވާފައިވަނީ ކޮޅުނބަށެވެ.









