މިލާން އަދި ޔުވެންޓަސް އާއި ދެމެދު ނިމިގެންދިޔަ މެޗުގައި ގޯލެއް ނުޖެހި ހަމަހަމަވެއްޖެއެވެ. މި މެޗުގައި މިލާނަށް ޔުވެންޓަސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މެޗު ނިމުމާއެކު މިލާންގެ ކޯޗު ޕައުލޯ ފޮންސެކާ ވަނީ ކުރިއަށް އޮތްތަނުގައި އިތުރު ރިސްކު ނަގައިގެން ކުޅުމަށް ގޮވާލާފައެވެ.
މުޅި މެޗުގައި ގޯލަށް އަމާޒުކޮށް ފޮނުވާލީ ވަރުގަދަ 3 ހަމަލާ އެވެ. އެއީ ޔުވެންޓަސްއިން ފޮނުވައިލި ދެ ޙަމަލާ ހިމަނައިގެންނެވެ. އެހެންވެ މެޗު ނިމުމުން ސަޕޯޓަރުން ވަނީ ޓީމުތަކުގެ ކުޅުންތެރިންނާއި ދިމާލަށް ހުތުރު އަޑުތައް ލައްވާފައެވެ.
އެންމެފަހުން މިލާން ކުޅުނު ދެ މެޗުވެސް ނިންމައިލީ ޕޮއިންޓަކުން ފުއްދައިގެންނެވެ.
"މެޗުން މޮޅު ނުވެވެވި، މިފަދަ މެޗެއް ކުޅުމަށްފަހު، އަހަރެން ސަަޕޯޓަރެއް ނަމަ އެގޮތަށް ޢަމަލުކުރާނެ. އަހަރެން މިކަން ދިފާޢެއް ނުކުރަން. ސަޕޯޓަރުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭ،" ފޮންސެކާ ބުންޏެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި މިލާންއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ އެމަރސަން ރޯޔަލްއަށް ލިބުނު ފުރުސަތެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އިތުރު ވަގުތުގައި ތިއޯ ހާނާންޑޭޒްގެ ފޮނުވާލި ބޯޅަ ދިޔައީ ސީދާ ގޯލްކީޕަރު މިޝެލް ޑި ގްރެގޯރިއޯގެ އަތަށެވެ..
މިލާން މިހާރު ވަނީ 19 ޕޮއިންޓާއެކު 7 ވަނައިގައެވެ. ފޮންސެކާ ބުނި ގޮތުގައި ޓައިޓަލް ކާމިޔާބުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.









