މޯލްޑިވްސް އިމިގްރޭޝަނުން ތިލަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ތިލަފުށީގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު 33 ބިދޭސީންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދިޔަ ބަޔަކުވެސް ހިމެނޭކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މިގޮތުން "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި، ބިދޭސީންނާއިގުޅޭ މައްސަލަތައް ހުށަހެޅުމަށް ޕްލެޓްފޯމެއް ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން ބިދޭސީން އުޅޭ ތަންތަނާއި ވިޔަފާރިތައް ބަލައި ފާސްކުރުމުގެ އެތައް އޮޕަރޭޝަނަކާއި ރެއިޑްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅުނު 5000 އަށްވުރެ ގިނަ ބިދޭސީން އެމީހުން ނިސްބަތްވާ ޤައުމުތަކަށް އަނބުރާ ފޮނުވާލެވިފައިވެއެވެ. މިއީ ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި ބެލެވެވެއެވެ.









