ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް ޕާޓީ ވަރުގަދަވެގެންދާނެ ކަމަށް ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިޚާބު ނިމުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުންނެވެ.
ޚުލާސާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ޗެއަރޕާސަން ވިދާޅުވީ، މި އިންތިޚާބުގެ ސަބަބުން ޕާޓީއަށް އަންނާނެ ބަދަލުތަކުގެ ތެރޭގައި ޕާޓީގެ ޙަރަކާތްތައް އިތުރަށް ފުޅާވެގެން ދިއުމާއި، ޕާޓީއަށް އޮންނަ ތާއީދު އިތުރުވާނެއެވެ.. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތު ހަރުދަނާވެގެން ދިއުމާއެކު، އެ މަނިކުފާނުގެ ދެވަނަ ސަރުކާރުގެ ސިޔާސަތު ތަންފީޛުކުރުމަށް އެހީތެރިވާނެ އިތުރު ބަޔަކު ލިބިގެންދާނެ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީއެންސީގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް މުއިއްޒުގެ ވަޢުދުފުޅުތައް ފުއްދުމަށް އެހީތެރިވުމަކީ ޕާޓީގެ މައިގަނޑު މަޤްޞަދެވެ.
"ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދިނުމަށް ޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ޕީއެންސީން ކުރަމުން ގެންދާނެ" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީއެންސީން ބޭނުންވަނީ މިނިވަން، މުސްތަޤިއްލު، އަމާން، ޞުލްޙަވެރި، އެކުވެރި، ފުދުންތެރި އަދި އިންސާފުވެރި ދިވެހިރާއްޖެއެއް ބިނާކުރުން ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. މި މަޤްޞަދު ޙާޞިލުކުރުމަށް ރައީސް މުއިއްޒަށް ޕީއެންސީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.









