ސިޔާސީ ފާޑުކިޔުންތައް ކިޔުއްވިޔަސް ޒާތީނުވުމަށް ސިޔާސީ ވާދަވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.
ޕީއެންސީ އެތެރޭގެ އިންތިޚާބު ނިމުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ޕިއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު މި އިންތިޚާބުން ވަރަށް ރަނގަޅަށް އެނގިގެންދިޔަ ކަމަށެވެ. އަދި ވާދަވެރިން ވެސް ޒިންމާދާރުކަމާއިއެކު މަސްއޫލިއްޔަތު އަދާކުރެއްވުމަށް ވެސް ގޮވައިލެއްވިއެވެ.
މިފަހަކަށް އައިސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ބެހޭގޮތުން އިދިކޮޅު އެމްޑީޕީއާއި ސިޔާސީ ވާދަވެރިން ދަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރަމުންނެވެ. އެކަންތަކުގައި އެންމެފަހުން ބައެއް ޕާޓީތައް ފާލުން ނެއްޓި ރޫޅި ބައިބައިވެގެންދާ މަންޒަރު ފެންނާތީވެ ޚުލާސާ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވަނީ ސިޔާސީ ވާދަވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ނަޞޭޙަތް ދެއްވާފައެވެ. އަދި އެގޮތަށް އުޅެގެން ވެއްޓޭނީ އަމިއްލަ އަގު ކަމަށާއި، ޒާތީ ނުވުމަށް ވެސް އެފަރާތްތަކަށް ރާއްޖޭގެ ތަޖުރިބާކާރު ކުރިގެ އެކްޓިވިސްޓް އަދި މިހާރު ރާއްޖޭގެ އެންމެ ބިޔަ ސިޔާސީ ޕާޓީގެ ޗެއާޕާސަން އިލްތިމާސް ކުރެއްވިއެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ ޒިންމާދާރުކަމާއެކީގައި ބިނާކުރަނިވި ކިޔުން ކިޔުއްވަމުން ގެންދަވާށޭ. ޒާތީ ވެވަޑައިނުގަންނަވާށޭ. އެއީ ވަރަށް ދަށު ކަންތައްތަކެއް. އެކަންކަން ނުކުރައްވާށޭ… މަސްއޫލިއްޔަތު އަދާކުރައްވައި ސިޔާސީ ފާޑުކިޔުންތައް ކިޔުއްވުމަށް، އެކަމަކު ޒާތީވެ ވަޑައިނުގަންނަވާށޭ".
ޢަބްދުއްރަޙީމް ވިދާޅުވީ ޒާތީވުމަކީ އެމަނިކުފާނު އެއްގޮތަކަށްވެސް ތަރުޙީބުދެއްވާ ކަމެއް ނޫނެވެ. ސިޔާސީ ގޮތުން ސަރުކާރަށާއި އެހެނިހެން ފަރާތްތަކަށް ފާޑުކިޔިދާނެ ކަމަށާއި ނަމަވެސް ޒާތީވެއްޖެނަމަ އެ ފަރާތްތަކުގެ އަގު ވެއްޓި، ތާއީދު ގެއްލިގެންދާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މީގެއިތުރުން، ޢަބްދުއްރަޙީމް ފާހަގަކުރެއްވީ ޒަމާނާއެކު ކަންކަން ބަދަލުވަމުންދާނެ ކަމަށާއި، ވެރިކަމަށް ވެސް ބަދަލު އަންނާނެ ކަމަށެވެ. އަދި ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، ކުރިން ވެރިކަން ކުރެއްވި ފަރާތްތަކުންވެސް އެކަން ގަބޫލުކުރަންޖެހޭނެ ކަމަށާއި، ޒާތީ ނުވުމަށް އެމަނިކުފާނު ތަކުރާރުކޮށް ނަޞޭޙަތްދެއްވައި ވާދަވެރިންމަށް އިލްތިމާސް ކުރެއްވިއެވެ.









