މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ)ގެ އެތެރޭގައި ހުޅުގަނޑު ފަޅައިގެންގޮސް ޕާޓީގައި ރެނދުލާފައިވާ ދަނޑިވަޅެއްގައި، “އެމްޑީޕީ ރޫޅުމާއި ނުރޫޅުމަކީ އެހާބޮޑަށް ވިސްނަންޖެހޭ ކަމެއް ނޫން" ކަމަށް ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިޚާބު ނިމުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއަރޕާސަންގެ ޙައިސިއްޔަތުންނެވެ.
ޗެއަރޕާސަން ވިދާޅުވި ގޮތުގައި ޕީއެންސީގެ ބޭފުޅުން މަސައްކަތް ކުރައްވަނީ ރައްޔިތުން ޙަވާލުކުރި މަސްއޫލިއްޔަތު ޒިންމާދާރުކަމާއެކު އަދާކުރުމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާއަކީ ޕީއެންސީއަށް މެންބަރުން އިތުރުވަމުން ދިއުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އެހާ ބޮޑަކަށް އެ ކަންކަމާ ވިސްނާ ކަންކަމެއް ނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި މަސްއޫލިއްޔަތު ޒިންމާދާރުކަމާ އެކީ އަދާކުރެވޭތޯ," ޢަބްދުﷲ ޝާހިދުއާއި ފައްޔާޒް އިސްމާޢީލް 2028 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޕާޓީ ބައިބައިވެފައިވާ ދަނޑިވަޅުގައި ޚުލާސާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ރޫޅެނީ ކަމަށް ގިނަބަޔަކު ބުނަމުންދާތީވެ، ސިޔާސީ މައިދާނުގައި ޢަބްދުއްރަޙީމްގެ ތަޖުރިބާއިން އެމްޑީޕީ އަށް ދެއްވާނެ ނަސޭޙަތަކީ ކޮބައިތޯ ޚުލާސާއިން ދެންނެވުމުން ޢަބްދުއްރަޙީމް ވިދާޅުވީ، އެމްޑީޕީ ނުވަތަ އެހެން ޕާޓީއެއްގައިވެސް ލީޑަރޝިޕްގެ ތެރޭގައި ކޯޅުންތައް އުފެދި، އެއް ކެންޑިޑޭޓަށްވުރެ ގިނަ ރިޔާސީ ކެންޑިޑޭޓުން އެއް ޕާޓީގެ ތެރެއިން މަސައްކަތް ފަށައިފިނަމަ، އެ ޕާޓީއަކަށް ލޮޅުންތަކެއް އަންނާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޙާލަތާއި ބެހޭގޮތުން އެންމެ ރަނގަޅަށް އެނގޭނީ އެ ޕާޓީގެ މެންބަރުންނަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.









