ވެރިކަން ކުރާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިންތިޚާބަށް ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބުން ފެނިގެންދިޔައީ ރައްޔިތުން ސަރުކާރު ބަލައިގަނެފައިވާ މިންވަރު ކަމަށް ޕީއެންސީން ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔަ ގޮތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން، އިންތިޚާބު ކޮމިޓީގެ މެންބަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލް ވިދާޅުވީ، އިންތިޚާބުގެ ކަންކަން ނިމިގެން ދިޔައީ އޮމާންކަމާއެކު ކަމަށެވެ. އޭނާ ވިދާޅުވީ، މި އިންތިޚާބުން ފެނިގެންދިޔައީ ރައްޔިތުން ސަރުކާރު ބަލައިގަނެފައިވާ މިންވަރު ކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ ސަރުކާރާ ދޭތެރޭގައި ވިސްނުންފުޅު ރަނގަޅީއޭ. ރައްޔިތުންގެ އުއްމީދުތައް ވަރަށް އެބަހުއްޓޭ. ޑިމޮކްރެސީގެ ރިވެތި އުސޫލުން (އިންތިޚާބުގެ) ކަންކަން ހިންގާކަން. ސަރުކާރު މިހާހިސާބަށް އައިރު ވަޢުދުތައް ފުއްދަމުންދާކަން ރައްޔިތުން އެބަ ޤަބޫލުކުރޭ. ރައްޔިތުންނަށް އެބަފެނޭ ރައްޔިތުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަސައްކަތް ކުރައްވާތަން. އެހެންވެ މިވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން މިދިޔައީ" މުހައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މި އިންތިޚާބުގައި ކޮންމެ ދާއިރާއަކުން ހޮވުނު މީހުން ވަކިވަކިން ވަނީ އިޢުލާންކޮށްފައެވެ.
ޕީއެންސީގެ އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބު ކަމަށް އެ ޕާޓީން ވިދާޅުވެއެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ޕާޓީ ދަފްތަރުގައި ހިމެނޭ ކޮންމެ ފަރާތަކަށް ދީފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު އިންތިޚާބުގައި ވޯޓުލުމަށް ވަނީ ނިކުމެފައެވެ.









