ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިޔަށްދާއިރުގިނަ ބަޔަކު ކިއުގައި ތިބުމުން ތިނެއް ޖަހާއިރަށް ވަގުތު އިތުރުކޮށްފިއެވެ.
ޕާޓީ އޮފީހުން މަޢުލޫމާތުދިން ގޮތުގައި ވަގުތު އިތުރުކޮށްފައިވަނީ ގިނަ ބަޔަކަށް ވޯޓުލުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ތިނެއް ޖަހާއިރަށް ވޯޓު ފޮށިތަށް ބަންދުކުރެވިގެންދާނެއް ކަމަށް ލަފާކުރެވޭކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މިއަދު މި ބާއްވާ ވޯޓުލުން ހެނދުނު 10 ޖެހި އިރު މާލެ އާއި އަތޮޅު ތެރޭގެ ރަށް ރަށުގައި ފެށިގެން ކުރިއަށް ދާއިރު، ގިނަ ބަޔަކު ވޯޓުލުމަށް ގޮސް ތިބިކަން ފާހަގަވެއެވެ.
އަތޮޅު ތެރޭ ރަށްރަށުގައި ވޯޓުލުން ކުރިއަށް ދަނީ އެ ރަށެއްގެ ސުކޫލަގައެވެ. އަދި މާލޭގައި ކުރިއަށްދަނީ ދަރުބާރުގޭގައެވެ.
ޕީއެންސީ އަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި ގޮތުގައި މިހާތަނަށް ޕީއެންސީގައި 80000 މެންބަރުން ހަމަވެއްޖެއެވެ.
ޕީއެންސީގެ މާސްޓަރ ޝީޓުން 80000 މެމްބަރުން ހަމަވެފައިވާކަމަށް ދައްކާއިރު، އިލެކްޝަންސް އޮފީހުގެ ވެބްސައިޓުން ދައްކަނީ އެމްޑީޕީގައި 50،851 މެންބަރުން ތިބި ކަމަށެވެ އަދި ޖުމްހޫރީ ޕާޓީގައި 17،379 މެންބަރުން ތިބިކަން ފާހަގަކުރެވެއެވެ.
އެހެނިހެން ޕާޓީތަކުގެ ތެރޭގައި، ޢަދާލަތު ޕާޓީގައި 8،512 މެންބަރުން، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގައި 8،296 މެންބަރުން، މޯލްޑިވްސް ނެޝަނަލް ޕާޓީގައި 7،519 މެންބަރުން، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ 'ދަ ޑިމޮކްރެޓްސް' ގައި 4،328 މެންބަރުން ހިމެނެއެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ޕީޕަލްސް ނެޝަނަލް ފްރަންޓްގައި ތިބީ އެންމެ 3،172 މެންބަރުންނެވެ. މި ހުރިހާ ތަފާސްހިސާބަކަށް އަދި ބަދަލު އަންނާނެ ކަމަށް ބެލެވޭއިރު، މި ކާމިޔާބީއާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީއެންސީން ވަރަށް ބޮޑު އިތުބާރަކާއެކު ކުރިމަތިލާނެއެވެ.









