ޣައްޒާއާއި ލުބުނާނާއި ދެކޮޅަށް ކުރަމުންދާ ދިގު މުއްދަތުގެ ހަނގުރާމައިގެ ސަބަބުން ނަފްސާނީ ދަތިތަކާ ކުރިމަތިވެ، މަދުވެގެން 6 އިސްރާއީލް ސިފައިން އަމިއްލައަށް މަރުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.
މަސްދަރުތަކުން އިއްޔެ ނެރުނު ރިޕޯޓުކޮށްފައިވާ ގޮތުގައި، އަމިއްލައަށް މަރުވި ސިފައިންގެ ޢަދަދު މިއަށްވުރެ މަތިވުމުގެ ފުރުސަތު އެބައޮތެވެ. އެހެންނަމަވެސް، އިސްރާއީލުގެ ސިފައިންގެ އިދާރާއިން މިހާތަނަށް މިކަމާއި ގުޅޭ ރަސްމީ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން، ހާހަކަށްވުރެ ގިނަ ސިފައިން ނަފްސާނީ ފަރުވާއަށް އެދިފައިވާއިރު، އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންގެ ކިބައިގައި ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ބަލީގެ އަލާމާތްތައް ފެންނަމުންދެއެވެ. އަދި ހަނގުރާމައިގެ ސަބަބުން ޖިސްމާނީގޮތުން ޒަޚަމްވާ މީހުންގެ އަދަދަށްވުރެ ނަފްސާނީގޮތުން އަސަރުކުރާ މީހުންގެ އަދަދު އިތުރުވެދާނެކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުއެވެ. އިސްރާއީލުގެ މި ހަމަލާތަކުގައި މިހާތަނަށް ބައިލައްކައެއްހާ ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު، 104,200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.









