އިޓަލީގެ ސީރީ އޭ ލީގުގައި މާދަމާރޭ ނާޕޯލީއާ ރޯމާ ބައްދަލުކުރާ މެޗުގެ ކުރިން، ރޯމާގެ އައު ކޯޗު ކްލޯޑިއޯ ރަނިއޭރީއަށް އެންޓޯނިއޯ ކޮންޓޭ ހެޔޮއެދުން ފާޅުކޮށްފިއެވެ.
73 އަހަރުގެ ރަނިއޭރީ ވަނީ ރިޓަޔަރކުރުމަށްފަހު އަލުން ކޯޗިންގއަށް އައިސް، ރޯމާގެ ކޯޗުކަމާއި ޙަވާލުވެފައެވެ. މިއީ ރަނިއޭރީ ރޯމާގެ ކޯޗުކަން ކުރާ ތިންވަނަ ފަހަރެވެ. މިފަހަރު ރަނިއޭރީ ރޯމާގެ ކޯޗުކަމާއި ޙަވާލުވީ، މި ސީޒަންގައި ދެ ކޯޗަކު ވަކިކުރުމަށްފަހު، ޓީމު ލީގުގެ 12 ވަނަ ހިސާބުގައި އޮއްވައެވެ.
"ކްލޯޑިއޯ ދެކެން އުފާވޭ. އޭނާއަށް ވަރަށް އިޙްތިރާމްކުރަން. އަދި އަޅުގަނޑުމެންނަކީ ރަޙްމަތްތެރިންވެސްމެ،" ކޮންޓޭ ނޫސްވެރިންނާއި ބައްދަލުކޮށް ބުނެފައިވެއެވެ. "އޭނާއަށް ލިބުނު ފުރުޞަތާއިމެދު އުފާވޭ. މާދަމާގެ މެޗަކީ ދެ ޓީމަށްވެސް އުނދަގޫ މެޗަކަށްވާނެ. ނަމަވެސް، އެ މެޗަށްފަހު ކްލޯޑިއޯއަށް ހުރިހާ ކަމެއް ރަނގަޅުވާން އެދެން." ނަޕޯލީގެ އަމިއްލަ ދަނޑު ސްޓޭޑިއޯ ޑިއޭގޯ އާރމަންޑޯ މަރަޑޯނާގައި ކުޅޭ މެޗާއި ބެހޭގޮތުން ކޮންޓޭ ބުންޏެވެ.
ރަނިއޭރީ ރޯމާގެ ކޯޗުކަމާއި ޙަވާލުވުމާއި ގުޅިގެން، މެޗަށް ތައްޔާރުވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކޮންޓޭ ބުނެފައިވެއެވެ. "ކޯޗު ބަދަލުވުމުން، ޓީމަށް ބޮޑު ބަދަލެއް އަންނާނެ،" ކޮންޓޭ ބުންޏެވެ. "މިހާރު އެއީ ތިންވަނަ ކޯޗު. އީވާން ޖޫރިޗް ހުރިނަމަ، ކުރިމަތިލާންޖެހޭނީ ކޮން ކަހަލަ ޓީމަކާއިކަން އެނގޭނެ. މިހާރު އެއީ އަންއެކްސްޕެކްޓެޑް ކަމަކަށްވެއްޖެ."
ނާޕޯލީ މިވަގުތު ލީގުގެ އެއްވަނައިގައި އޮތްނަމަވެސް، ތާވަލުގެ ގަދަ 6 ޓީމުގެ މެދުގައި ދެ ޕޮއިންޓުގެ ތަފާތެއް އެކަނި އޮތްކަމަށް ކޮންޓޭ ފާހަގަކޮށްފައިވެއެވެ. "މިހާތަނަށް 12 މެޗު ކުޅިފައިވަނީ. ޕޮއިންޓުގެ ގޮތުން ގިނަ ޓީމުތަކެއް ވަރަށް ކައިރީގައި ތިބީ،" ކޮންޓޭ ބުންޏެވެ.










