މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ މަޝްރޫޢުގައި ހިމެނޭ ދެ ބްރިޖްގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ ހަތަރު ރަށެއް ގުޅުވާލެވޭނެއެވެ.
އެމްޓީސީސީން ބުނާ ގޮތުގައި، 60 މީޓަރުގެ ދެ ބްރިޖްގެ މަސައްކަތުގެ 80 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިހާރު ސައިޓުގައި ކުރިއަށްދަނީ އެޕްރޯޗް ރޯޑް އާއި ރިވެޓްމެންޓްގެ މަސައްކަތެވެ. މި ކޯޒްވޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ކޯޒްވޭއިން ގުޅުވާލެވޭނީ ހޯޑެއްދޫ، މަޑަވެލި، ކަންނިގިލި އަދި ހާދޫއެވެ. ފަޅު ދެ ރަށަކީ އިގްތިސާދީ މަސައްކަތްތައް ކުރެވެން އޮތް ދެ ރަށް ކަމަށްވާތީ، މި ކޯޒްވޭ ވެގެންދާނީ މަޑަވެއްޔަށާއި ހޯޑެއްދޫއަށް އިތުރު ދިރުމެއް ގެނުވާނެ ކޯޒްވޭއަކަށް ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.








