މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ މަޝްރޫޢުގެ ދިރާސާގެ މަސައްކަތް، ޗައިނާގެ ޓެކްނިކަލް ޓީމުން ނިންމާލައިފިއެވެ. މި މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާބެހޭ ވުޒާރާއިން ދެއްވާފައިވާ މަޢުލޫމާތުގައި ވާގޮތުން، މި ދިރާސާގެ މަސައްކަތުގެ ތެރޭގައި ސައިޓްތައް ދިރާސާކުރުމުގެ އިތުރުން، ކަމާ ގުޅުންހުރި ވުޒާރާތަކާއި މާލޭގައި ޔުޓިލިޓީ އަދި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާއި ޗައިނާގެ ޓީމުން ބައްދަލުކޮށްފައިވެއެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ދިރާސާގެ މަސައްކަތް ފެށިފައިވަނީ ނޮވެމްބަރު 4 ވަނަ ދުވަހުއެވެ.
މަޝްރޫޢުގެ ތެރޭގައި މާލޭގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން، މާލޭގެ ފެނާއި ނަރުދަމާގެ ވިއުގަ ޒަމާނީ ވިއުގައަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިހާރު ދިރާސާގެ މަސައްކަތް ނިމުމާއެކު، ދެން ކުރިއަށްދާނީ ޕްރޮޖެކްޓް ޑިޒައިން ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢު ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައެވެ. މަޝްރޫޢު ޕްލޭންކުރުމާއި ކޮންޓްރެކްޓަރަކު ހޮވުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ ޗައިނާ ސަރުކާރުގެ ފަރާތުންނެވެ.
އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫޢު މުޅިން ނިންމުމަށް 3-4 އަހަރު ހޭދަވާނެއެވެ.






