މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ރާއްޖޭގެ އިޤްތިސާދަށް ބޭރު ފައިސާ ވައްދާ މައި ސިނާއަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ހަފްތާ 52 ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތު އެހެން ހަރުފަތަކަށް ގެންދިޔުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިދާއިރާއިން ލިބޭ ނަފާ ފަތުރުވެރިކަމާ އެއްހަމައަށް ގެންދިޔުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދުކަމަށްވާއިރު، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާ ސިންދަފާތުކުރުމަށް ގިނަ ފުރުސަތުތަކެއް ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން މެރިކަލްޗަރ، ސްޕޯޓްސް ފިޝިންގ އަދި ފަރުމަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މަސްވެރިކަން ސިންދަފާތުވެގެންދާއިރު، ބޭރު ފައިސާ ވައްދާ އެންމެ ބޮޑު ސިނާއަތަށް މި ސިނާއަތް ވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ މި ފުރަތަމަ އަހަރުތެރޭގައި މި ސިނާއަތް ކުރިއެރުވުމަށް އުފައްދާފައިވާ މާހައުލާއެކު މި ދާއިރާގައި އިންވެސްޓުކުރުމަށް ވިޔަފާރިވެރިންގެ ޝައުޤުވެރިކަން އުފެދިފައިވާކަމަށެވެ. މިހާރުވެސް މެރިކަލްޗަރއަށް 4 ސަރަހައްދެއް ހުޅުވާލާފައިވާކަމަށާއި، މެރިކަލްޗަރއާއި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުގައި ވެސް އިންވެސްޓުކުރުމުގެ ޝައުޤުވެރިކަން އޮތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މަސްވެރިކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް ޚާއްޞަ އެޖެންސީއެއް ވެސް ސަރުކާރުން ވަނީ ޤާއިމްކޮށްފައެވެ. އަދި ރާއްޖޭގައި އުފައްދާ މަސްވެރިކަމާ ގުޅޭ ބާވަތްތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިތުރަށް ޕްރޮމޯޓްކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.









