ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "އެންޓި ޑިފެކްޝަން" އިޞްލާޙާއި ގުޅޭގޮތުން ރައްޔިތުންގެ މަސްލަޙަތާއި ޚިލާފު ބަސްތަކެއް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. އަބްދުﷲ ދީދީ އިއްޔެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އެންޓި ޑިފެކްޝަން" އިޞްލާޙަކީ ރައްޔިތުންގެ ބާރު ނުވަތަ ސިޔާދަތު ގެއްލޭގޮތަށް ފަރުމާކުރެވިފައިވާ އިޞްލާޙެކެވެ. އެމަނިކުފާނު އެހެން ވިދާޅުވިކަމުގައި ވިޔަސް، މިއީ ރައްޔިތުން ހޮވާފައިވާ މެންބަރުން ރައްޔިތުންނާއި ދެކޮޅަށް ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ގެނެވުނު އިޞްލާޙެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ މި އިޞްލާޙުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް "ޑިސްފަންކްޝަނަލް" ބާރަކަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި މި އިޞްލާޙު ފާސްކުރެވިފައިވަނީ "އެބްނޯރމަލް" އިޖްރާއާތުތަކެއްގެ ދަށުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި ބަސްތަކަކީ އޭގައި ސިޔާސީ ކުލަ ޖެހިފައިވާ އަދި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމަށް ހިތްވަރުދޭ ބަސްތަކެއް ކަމަށް ވާއިރު، ރައްޔިތުން ހޮވާފައިވާ މެންބަރުން ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތުމެއް ކަމުގައި މާނަކުރެވެއެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ގެނެވޭ އިޞްލާޙުތަކާއި ދެކޮޅަށް ވާހަކަދެއްކުމަކީ މުޖުތަމަޢުގައި ފިތުނަ އުފެއްދުމަށް މަގުފަހިކުރުން ކަމަށް ފާހަގަކުރެވެއެވެ.
ޑރ. ޢަބްދުﷲ ދީދީގެ މި ބަސްތަކަކީ ރައްޔިތުންގެ މަސްލަޙަތާ ޚިލާފު، އަދި ޤާނޫނީ ވެރިކަމުގެ ނިޒާމަށް ބުރޫއަރާފަދަ ބަސްތަކެއް ކަމަށް ސިޔާސީ ދާއިރާގެ ގިނަ ފަރާތްތަކުން ދެކެއެވެ. މިފަދަ ބަސްތަކުން ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދި، ޤައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިކުރުމަށް ހިތްވަރުދޭ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީގެ މަޖިލިސް މެމްބަރަކު ނަން ނުޖެހުމަށް ޝަރުޠު ކުރަމުން ވިދާޅުވިއެވެ.









