ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަޤްބޫލް ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބު މާދަމާ ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއްވެ ނިމިއްޖެއެވެ. މި އިންތިހާބުގައި ޕާޓީގެ 59 މަޤާމަކަށް މެންބަރުން އިންތިހާބު ކުރެވޭނެ ކަމަށް ޕީއެންސީން ބުނެއެވެ.
އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ލިސްޓުތައް މިހާރު ވަނީ އާންމުކޮށްފައެވެ. ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ. އަދި ވޯޓުލުން ނިންމުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 ގައެވެ.
ޕީއެންސީން މަޢުލޫމާތުދޭ ގޮތުގައި މާލޭގައި ވޯޓުލުން ކުރިއަށްދާނީ ދަރުބާރުގޭގައެވެ. އަދި ހުޅުމާލޭގައި ވޯޓުލުން ކުރިއަށްދާނީ ރެހެންދި ސްކޫލްގައެވެ.
ޕީއެންސީގެ އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް ގިނަ ޢަދަދެއްގެ މެމްބަރުން އެދިގެން އިންތިހާބު ފަސްކުރީއެވެ.
ޕީއެންސީގެ ރެކޯޑްތައް ދައްކާ ގޮތުން އެޕާޓީގެ ދަފްތަރުގައި 80 ހާހަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ.









